2024ވަނަ އަހަރުގެ ފޮތުގެ ޕީޑީއެފް
(ވަގުތުން ގަވާއިދަށް ދިޔުމަށް މިތަނަށް ފިތާލާ)
2013ވަނަ އަހަރުގެ ބާ ފޮތުގެ ޕީޑީއެފް
بِسمِ اللهِ الرَّحمَنِ الرَّحِيمِ
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ
ދިވެހިބަހާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ބަހުގެ ގަވާއިދުތަކަށް މީހުންގެ ސަމާލުކަން ނުލިބޭތީއެވެ. ދިވެހިބަހުން ވާހަކަދައްކާ ޒުވާނުން މަދުވަމުންދާތީއެވެ. ދައުލަތުގެ މުއައްސަސާތަކުން ދިވެހިބަހަށް ދޭންޖެހޭ އިސްކަން ނުދެއްވާތީއެވެ. މިއީ އަޅުގަނޑުމެން ވިސްނައި ފިޔަވަޅުތަކެއް އަޅާންޖެހިފައި ވާ ކަންކަމެވެ.
މި ކަން މިހެން އޮތް ނަމަވެސް، ދިވެހިބަހަށް ކުރިއެރުންތަކެއް އަންނަކަން އެއީ ގަބޫލުކުރާން ޖެހޭ ހަގީގަތެކެވެ. މީގެ ތިންހަތަރު ދަހަރުގެ ކުރީގެ ލިޔުންތަކަށް ބަލައިލުމުން ހުސްނޫނު ބޭނުންކުރުމުގައްޔާއި ލަފުޒު ދުރުކުރުމުގައި ވަކި ހަމައެއް ހިފެހެއްޓިފައެއް ނުހުރެއެވެ. ހުސްނޫނުގެ ވާހަކަ ފުރަތަމަ ވެސް ދައްކަވައިފައި ވަނީ އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒުހަރީއެވެ. ނަމަވެސް ވަރަށް ފަހަކާ ޖެހޭންދެން ލަފުޒު ދުރުކުރުމާ ބެހޭ ގޮތުން ވާހަކަދައްކައިފައެއް ވެސް ނެތެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޒަމާނުގައި ހުސްނޫނު ބޭނުންކުރާން ޖެހޭނީ ނޯށަށް އަރުވައި ކިޔާން ޖެހޭ ކޮންމެ ތަނެއްގައިކަމަށް ކަނޑައެޅުއްވުމުގެ އިތުރަށް ލަފުޒު ދުރުކުރުމާ ބެހޭ އުސޫލެއް ވެސް އެކަށައެޅުއްވިއެވެ. އަދި އެ އުސޫލު މުރާޖާކުރައްވައި އިސްލާހު ވެސް ކުރެއްވިއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު އުވައިލެވި، އޭގެ ފަހުން ޤާނޫނަކުން އުފެދުނު ދިވެހިބަހުގެ އެކެޑަމީން ލަފުޒު ދުރުކުރުމުގެ އުސޫލު އަލުން މުރާޖާކުރައްވައި 2013 ޖުލައި 8ގައި ކުޑަކުޑަ ލުއިފޮތެއްގެ ސިފައިގައި އެ އުސޫލު ޝާއިޢުކުރައްވައި އާންމުކުރެއްވިއެވެ.
ވަރަށް ޚުލާޞާ ގޮތެއްގައި ނުކުތާތަކެއްގެ މައްޗަށް އެކުލަވައިލެއްވި މި ފޮތް ޝާއިޢުކުރެވި ބޭނުންކުރެވެމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. އެހެންކަމުން، ދިވެހިބަހާ މެދު ވިސްނާ މީހުން އިތުރު ތަފުސީލު ބޭނުންވެގެން ސުވާލުކުރާން ފަށައިފިއެވެ. މި ފަދަ ގިނަ ސުވާލުތަކަކީ ޖަވާބު ބޭނުންވާ، އޮއްޓަރު ހުރި ސުވާލުތަކެއްކަމަށް ދިވެހިބަހުގެ އެކެޑަމީއަށް ވެސް ގަބޫލުކުރެވުނެވެ. ވީމާ، އެ ފަދަ ސުވާލުތަކަށް ޖަވާބު ލިބޭ ފަދަ ގޮތަކަށް، ލަފުޒު ދުރުކުރުމުގެ އުސޫލު އަލުން މުރާޖާކުރާން މި އެކެޑަމީއިން ގަސްތުކޮށް އެ މަސައްކަތް ފަށައިގަތީއެވެ.
މިހާރު ވިދާޅުވަމުން ތިޔަ ގެންދަވަނީ މި ދެންނެވި މަސައްކަތުގެ ނަތީޖާއެވެ. މިއީ، މި އެކެޑަމީން ދެލިކޮޕީއެއް އެކުލަވައިލުމަށް ފަހު، ދިވެހިބަހުގެ ގަވާއިދު ކޮމިޓީއާއި އަދި ކޮމިޓީގައި ހިމެނިވަޑައިނުގަތަސް ބަހުގެ ދާއިރާގައި މަސައްކަތްޕުޅުކުރައްވާ، ބަހުގެ ގަވާއިދާ މެދު ވިސްނުންފުޅު ބަހައްޓަވާ ވަރަށް ގިނަ ބޭފުޅުންގެ ޚިޔާލުފުޅާއި މަޝްވަރާއާ އެކު އެކުލަވައިލެވުނު އުސޫލެކެވެ. ނުވަތަ ހަމައެކެވެ. ކުރީން އުފެދުނު ވަރަށް ގިނަ ސުވާލުތަކަށް މި ފޮތުން ޖަވާބު ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުކުރަމެވެ.
ތެދުފުޅެކެވެ. ބަހުގެ އެއްވެސް ގަވާއިދަކީ ދުވަހަކު އިސްލާހުކުރާން ނުޖެހޭ ފަދައަކުން އެއްވެސް ބަޔަކަށް ތައްޔާރުކުރެވޭނެ އެއްޗެއް ނޫނެވެ. އަބަދު ވެސް އެއަށް ތަރައްގީ އަންނާނެއެވެ. މީހުންގެ ބޭނުންތަކާއި ޒަމާނަށް އަންނަ ބަދަލުގެ ސަބަބުން އިތުރު ތަރައްގީ ބޭނުންވާނެއެވެ. މީހުންގެ ޢިލްމީ ފެންވަރު މަތިވެ، ވިސްނުންތެރި ވީ ވަރަކަށް ސުވާލުތައް ގިނަވާނެއެވެ. މި ފަދަ ސުވާލުތަކަށް ޖަވާބު ހޯދާން ޖެހޭނެއެވެ. ވީމާ، މިއީ ވެސް އެންމެ ފުރިހަމަ ނުވަތަ ތަރައްގީ އަންނާން ނުޖެހޭ އުސޫލެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މި އުސޫލަށް އަމަލުކުރެއްވުމުގައި ކުރިމަތިވާ މައްސަލަތައް ފާހަގަކުރައްވައި، އާ އިސްދާރެއްގައި ހިމަނައިލުމަށް ޓަކައި ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތައް އަޅުގަނޑުމެން އަބަދު ވެސް ބޭނުންވާނެއެވެ. ވީމާ، ފާހަގަކުރެއްވޭ އެ ފަދަ ޚިޔާލުފުޅުތައް މި ވިދާރާއާ ހިއްސާކުރައްވަމުން ގެންދެވުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑުއެދޭ ވަރަށް ބޮޑު އެދުމެކެވެ.
އަޅުގަނޑު އުންމީދުކުރަނީ މިއަދު މި ޝާއިޢުކުރާ "ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު"ގެ ސަބަބުން ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންފުޅުކުރައްވާން ފަސޭހަފުޅުތަކެއް ލިބިވަޑައިގަންނަވާނޭކަމަށެވެ. ލަފުޒު ވަކިކުރުމުގައި މީގެ ކުރީން ކުރިމަތިވެވަޑައިގަތް ގިނަ ސުވާލުތަކަކަށް މި ފޮތުން ޖަވާބު ލިބިވަޑައިގަންނަވާނޭކަމަށެވެ.
ޅުގަނޑު އެދެނީ ދިވެހިބަހަށް އަބަދު ވެސް ފަހިކަމާއި ފާގަތިކަމެވެ. ދިވެހިބަހާއި އަދަބަށް ކުރިއެރުމާއި ތަރައްގީއެވެ! ދިވެހި ޤައުމަށް އަބަދު ވެސް ޙިމާޔަތާއި اللهގެ މަތިވެރި ޢިނާޔަތެވެ!
5 ޝައްވާލު 1445
14 އެޕްރީލް 2024
ޑރ. އަޝްރަފް ޢަބްދުއްރަޙީމް
ދިވެހިބަހުގެ އެކެޑަމީގެ ރައީސް
މިއީ، ލަފުޒު ވަކިކޮށް ލިޔުމުގައި 2013ވަނަ އަހަރުން ފެށިގެން މިހައިތަނަށް ޢަމަލުކުރަމުން އައި އުސޫލު، މުރާޖާކުރުމަށް ފަހު ބައެއް އިސްލާހުތަކާ އެކު އެކުލަވައިލި އެ ގަވާއިދުގެ އާ އިސްދާރެކެވެ. މި ފަދަ ގަވާއިދެއް ނުވަތަ އުސޫލެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވައިލައިފައި ވަނީ 1986 އެޕްރީލް 1ވަނަ ދުވަހު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ. އެއީ "ބަސްބަސް ވަކިކޮށް ލިޔުން" މި ނަމުގައި އެ މަރުކަޒުގައި އޭރު އޮތް ބަސްކޮމެޓީގެ ފަރާތުން އެކުލަވައިލި އުސޫލެކެވެ. މި އުސޫލު ވަނީ އާންމުކޮށް އިޢުލާނު ވެސް ކުރައްވައިފައެވެ. އަދި އެ އުސޫލު މުރާޖާކުރައްވައި އޭގެ އާ އިސްދާރެއްގެ މަސައްކަތް ވެސް 2005 އޮގަސްޓު 24ވަނަ ދުވަހު ވަނީ އެ މަރުކަޒުން ކުރައްވައިފައެވެ.
ޤައުމީ މަރުކަޒުގެ ޒަމާނަށް ފަހު، 2011ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީއެއް އުފެދުނު ފަހުން ވެސް 2013ވަނަ އަހަރު ޖުލައި މަހު 8ވަނަ ދުވަހު ވެސް ވަނީ "ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު"ގެ ނަމުގައި ކުޑަކުޑަ ލުއިފޮތެއް ނެރުއްވައިފައެވެ.
ދިވެހިބަހުގެ ލަފުޒުތައް ބެހިފައިވާ އަށް ބައިގެ ތެރެއިން އަކުރު ފިޔަވައި އެހެން ކޮންމެ ބައެއްގައި ހިމެނޭ ލަފުޒެއް ވެސް އާންމު ގޮތެއްގައި ވަކިކޮށްގެން ލިޔުމަކީ މި ހުރިހައި އުސޫލެއްގައި ވެސް ބަޔާންކުރައްވައިފައިވާ އެންމެ އާންމު ހަމައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކުރިއަށް އޮންނަ ލަފުޒެއްގެ ފަހަތަށް އަންނަ އަކުރެއްގެ ސަބަބުން ކުރީ ލަފުޒުގެ ފަހު ބަޔަށާއި، ގުޅުވާ އަކުރުގެ ކުރީ ބަޔަށް ބަދަލު އާދެއެވެ. މި އަންނަ ބަދަލުން އެ ލަފުޒުތައް ގުޅި އެއް ލަފުޒު އަނެއް ލަފުޒާ މެހޭ ހާލަތްތައް އަންނާތީ، އެ ދެ ލަފުޒު، އެއް ލަފުޒެއްގެ ގޮތުގައި ވެއެވެ. މި ފަދަ ލަފުޒުތައް ވަކިކުރާން ޖެހޭ އަދި ވަކިކޮށްގެން ނުވާނެ ހާލަތްތައް އާދެއެވެ. އެހެންކަމުން މި ހާލަތްތަކާއި ހަމަތައް ސާފުކޮށް ބަޔާންކޮށްފައި އޮތުމަކީ މުހިންމު ކަމެއްކަން ކަށަވަރެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައި ވާނީ މި ދެންނެވި ގޮތުގެ މަތީން ލަފުޒު ވަކިކުރުމުގައި ގެންގުޅޭންވީ ހަމަތަކާއި އެ ކަމުގެ ބައެއް މިސާލުތަކެވެ. މިއީ އެންމެ ފުރިހަމަ ގަވާއިދުކަމުގައި ނުވިޔަސް، މިއީ މިހައިތަނަށް މި ކަމާ ބެހޭ ގޮތުން ޝާއިޢުކުރެވޭ އެންމެ ފަހުގެ ފޮތެވެ.
މި ގަވާއިދުގެ އާ އިސްދާރެއް ޝާއިޢުކުރެވެންދެން ލަފުޒު ވަކިކުރުމާ ބެހޭ ގޮތުން ޢަމަލުކުރުމުގައި ބަލާނީ މި ފޮތުގައި ބަޔާންކޮށްފައި ވާ ހަމަތަކާއި އުސޫލުތަކަށެވެ. ވީމާ، ދައުލަތުގެ އިދާރާތަކާއި އިސްކޫލުތަކާއި ދިވެހިބަހުގެ ލިޔެކިޔުން ހެޔޮ ގޮތުގައި ލިޔާން ބޭނުންވާ ހުރިހައި އެންމެން ވެސް މި އިސްދާރުގައި ވާ އުސޫލުތަކަށް ޢަމަލުކުރާނޭކަމަށް ޔަގީންކުރަމެވެ.
5 ޝައްވާލު 1445
14 އެޕްރީލް 2024
(ހ) ޚާއްސަނަމާއި އާންމުނަން:
ނަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ޚާއްސަނަމާއި އާންމުނަން، ކޮންމެ ހާލަތެއްގައި ވެސް ލިޔާނީ ކުރީ ލަފުޒާ ވަކީން ވަކިކޮށްފައެވެ.
މިސާލު:
# | ނަމުގެ ގިންތި | ލަފުޒު ބޭނުންކޮށްގެން ލިޔެފައިވާ މިސާލު ޖުމުލަތަކެއް |
---|---|---|
1 | ޚާއްސަނަން | ދުނިޔޭގައި ދިވެހިރާއްޖެ އޮތް މަގާމަކީ ވަރަށް މުހިންމު މަގާމެކެވެ. |
2 | ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަޖީދިއްޔާ އަދާކޮށްފައިވާ ދައުރު ވަރަށް ބޮޑެވެ. | |
3 | ކުރީން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށި މިއަދު ވަނީ ހުޅުމާލެއާ އެއްކޮށްލެވިފައެވެ. | |
4 | އާންމުނަން | މީދާ ފަހައި ބުޅާ ދުވާނެއެވެ. |
5 | އެކި ފާޑުފާޑުގެ ދޫނި ގެންގުޅޭ މީހުން ރާއްޖޭގައި ވެސް ވަރަށް ގިނައެވެ. | |
6 | މަދިރި ހަފާ ނަމަ، ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑެވެ. |
(ށ) އެކުވިނަން:
ދެ ލަފުޒު ނުވަތަ އެއަށް ވުރެ ގިނަ ލަފުޒު ގުޅިގެން، ވަކި މާނައެއް ދޭހަވާ ގޮތަށް ހެދިފައި ހުންނަ އެކުވިނަން ލިޔާނީ ލަފުޒުގެ އެކި ބައިތައް ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. މަސްހުނި
2. މޭބިސްކުރަނޑި
2. މޭބިސްކުރަނޑި
4. ފޭރުގަސް
5. ރީނދޫމަސް
6. ޑިންޑިންކޮވެލި
7. ކަށިމާ
(ނ) އެއް ލަފުޒަށް ވުރެ ގިނަ ލަފުޒުން ހުންނަ ޚާއްސަނަން:
އެއް ލަފުޒަށް ވުރެ ގިނަ ލަފުޒުން ނުވަތަ ޢިބާރާތުން ހުންނަ ޚާއްސަނަންނަން ލިޔާނީ ޖުމުލައިގައި ލަފުޒު ވަކިކުރާން މި ގަވާއިދުގައި ބަޔާންކުރާ އުސޫލުންނެވެ.
މިސާލު:
1. ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ރައީސް
2. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
3. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު
4. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
5. މިނިސްޓަރުގެ ނާއިބު
6. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު
(ރ) މީހުންނަށް ނުވަތަ ތަންތަނަށް ޢަރަބިބަހުން ކިޔާ ޚާއްސަ ނަންނަން:
މި ފަދަ ނަންނަން ލިޔާނީ ޢަރަބި ލަފުޒުގެ މެދުން ބައި ނުވާ ގޮތަށެވެ. އެ ފަދަ ނަންނަން ލިޔާނީ ކިޔާ ގޮތަށް އަންނަނިވި މިސާލުތަކުގައި ވާ ގޮތުގެ މަތީންނެވެ.
މިސާލު:
1. ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
2. މަސްޖިދު މަލިކު ސަލްމާން
3. މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
4. އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް
5. ޢަބްދުއްރަޙްމާނު ޙަސަން
6. މުޙައްމަދު އަރުޝަދު ޚާން
7. ޢަބްދުލްޖަލީލު އަޙްމަދު ޙަސަން
(ބ) ސިފަނަން (ނަންއިތުރުގެނަން):
ހުރިހައި ނަމެއް ވެސް ލިޔާ ފަދައިން ސިފަނަން ވެސް ލިޔާނީ މިސާލުގައި ވާ ފަދައިން ކުރީ ލަފުޒާ ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
1. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިދާނެ އެއްވެސް ކަމެއް ހަމަ އެކަކު ވެސް ކޮށްގެނެއް ނުވާނެއެވެ.
2. އެ މަސައްކަތުގައި ވެސް އޭނާގެ ހުނަރުވެރިކަން އަޅުގަނޑަށް ފެނުނެވެ.
3. އެ ރަށު ކަތީބުގެ ހަރުދަނާކަން ނިކަން ދެކެބަލާށެވެ!
4. މި ބާވަތުގެ މައްސަލަތައް ހައްލުކުރެވޭނީ ވިސްނުންތެރިކަން އިސްކޮށްގެންނެވެ.
(ޅ) އިޝާރާތުގެ ނަން:
އިޝާރާތުގެ ނަން ލިޔާނީ، ކުރީ ލަފުޒާ ވަކީން ދުރުކޮށްފައެވެ. އަދި އެ އަކުރުގެ ފަހަތަށް އަންނަ ލަފުޒު ވެސް ލިޔާނީ ލަފުޒާ ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
1. ތިޔަ ޢާއިލާގެ އެންމެން ވެސް ދިވެހިބަހަށް ވަރަށް މޮޅެވެ.
2. އޭނާއާ ދެން އެ ވާހަކަ އިތުރަށް ނުދައްކާށެވެ!
3. މި ފޮތަކީ ވަރަށް މޮޅު ފޮތެކެވެ.
4. މި އޮފީހުގެ މުވައްޒަފުން ވަރަށް މުރާލިވާނެއެވެ.
5. އެ ތަކެތި ހޯދާން އެ ތަންތަނަށް ދާނެކަމެއް ނެތެވެ.
އިތުރު އޮޅުންފިލުވައިދިނުމެއް:
އެ ތަކެތި، އެ މަނިކުފާނު، އެ މީހުން، މި ތަންތަން، މި އެކެޑަމީ، މި ފަދަ ޢިބާރަތްތަކުގައި އެ ވާ "އެ" މި އަކުރަކީ ކުރީން ދެއްކި ވާހަކައަކަށް އިޝާރާތްކޮށް އެއްޗެކޭ ބުނުމަށް ޓަކައި ބޭނުންކުރާ އަކުރެކެވެ. އިސްވެ ބަޔާންކޮށްފައި ވާ ފަދައިން "އެބައިމީހުން" މި ބަދަލުނަމަކީ އެ+ބައި+މީހުން މި ތިން އެކަ އެކުވެގެން އުފެދިފައިވާ ވަކި ލަފުޒެކެވެ. އެހެންކަމުން "އެބައިމީހުން" މި ލަފުޒުގެ އެކި ބައިތައް ލިޔާނީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ. "އެކަ" އަކީ "ލަފުޒެއްގައި އެކުލެވޭ ބައިތަކުގެ ތެރެއިން މާނައެއް ދޭހަވާ، އިތުރަށް ބައިނުކުރެވޭ އެންމެ ކުޑަ ބައި" (morpheme)ކަމަށް ރަދީފުގައި ވެއެވެ.
(ކ) ގިނަކުރުމުގެ ގޮތުން ތަކުރާރުކުރާ ލަފުޒުތައް:
ލަފުޒެއް ތަކުރާރުކުރުމަކީ ނުވަތަ ފަށްކުރުމަކީ ގިނަކުރުމުގެ ގޮތުން ދިވެހިބަހުގައި ކުރާ ކަމެކެވެ. މި ގޮތުގެ މަތީން ތަކުރާރުކުރާ ދެ ލަފުޒު ލިޔާނީ މިސާލުގައި ވާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. އަތޮޅުއަތޮޅުގެ ވެރީންނާއި ރަށްރަށުގެ ކަތީބުންނަކީ ވަރަށް ޚިދުމަތްތެރި ބަޔެކެވެ.
2. ގޯތި ތެރޭގައި މާ އަޅާ ގަސްގަސް އިންދުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
(އ) ހަމަބަސް:
ހަމަބަހޭ ކިޔަނީ ނަމެއްގެ ފަހަތަށް ފުނަ ހަމަކޮށްލުމަށް ޓަކައި އެ ލަފުޒުގެ ވަޒަނަށް ހުންނަ އެހެން އެކައެއް އިތުރުކޮށްގެން ފުނަ ހަމަކޮށްފައި ހުންނަ ލަފުޒަށެވެ. ލަފުޒަކަށް މި ބައި އިތުރުކުރުމުން އެއީ އެއް ލަފުޒަކަށް ވެފައި އޮންނާތީ މި ފަދަ ދެ ލަފުޒު ވެސް ލިޔާނީ މިސާލުގައި ވާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. ތަނެއްދޮރެއް ނުބަލައި ކަންކަމަށް ފިޔަވަޅު ނާޅާށެވެ!
2. މޮޅު ވަޑީންނަކީ ލަކުޑިފަކުޑީގެ ބާވަތްތައް ރަނގަޅަށް ދަންނަ ބަޔެކެވެ.
3. ހުނަރުވެރި މަސްވެރީންނަކީ މަސްވެރިކަމުގެ ހޭޑިފޭޑި ހުންނަ، އަދި ކަނޑުގެ އާޖުފާޖު ރަނގަޅަށް ދަންނަ ބަޔެކެވެ.
4. އޭނާގެ އެއްވެސް ގޮތެއްފޮތެއް ވެސް ނެތީހެއްޔެވެ؟
5. ގޭތެރެއިން އެއްވެސް އަޑެއްބަޑެއް މިހާރަކު ނީވެއެވެ.
(ވ) ކަމުގެނަން (މަސްދަރު):
ނަމުގެ އެހެން ބައިތަކެކޭ އެއް ފަދައިން ކަމުގެނަން، ނުވަތަ މަސްދަރު ވެސް ލިޔާނީ ކުރީ ލަފުޒާ ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
އޭނާގެ ލިޔުން އެހައި ރީއްޗެއް ނޫނެވެ.
އެއީ ހިނގުން ހަލުވި މީހެކެވެ.
އަހަރެން ބުނި ބުނުން އަނބުރައި ގެނެސްފީމެވެ.
(ހ) ކަމުގެ އެކި ޒަމާންތައް:
ކަން ކޮންމެ ޒަމާނެއްގައި އޮތް ނަމަވެސް ލިޔާނީ ކުރީ ލަފުޒާ ވަކިކޮށްގެން ވަކީންނެވެ.
# | ޒަމާން | މިސާލު ޖުމުލަ | |
---|---|---|---|
1 | ބުނުން | ބުނި (ނިމިނިމުނުކަން) | އޭނާ އެހެން ބުންޏެވެ. |
2 | އޭނާ އެ ވާހަކަ ބުނި އިރު އަހަރެން ހުރީމެވެ. | ||
3 | ދިޔުން | ހިނގައްޖެ (ނިމުނުކަން) | ދެންމެއަކު އޭނާ ހިނގައްޖެކަމަށް ވެއެވެ. |
4 | އަހަރެން އައި އިރު އޭނާ ހިނގައްޖެއެވެ. | ||
5 | ހިނގުން | ހިނގާ (ވާކަން/އަމުރު) | މަގުމަތީގައި ހިނގާ އިރު ހިނގާން ވާނީ ދުއްވާ ހިނގާ އެއްޗިއްސަށް ބަލައިގެންނެވެ. |
6 | މަގުމައްޗަށް ނުނިކުމެ 30 މިނެޓު ވަންދެން ގޭތެރޭގައި ހިނގާށެވެ! | ||
7 | އޮއްސުން | އޮއްސެނީ (ވޭވޭހުރިކަން) | މިރޭ މިހާރު ހަނދު ވެސް އޮއްސެނީއެވެ. |
8 | މިހާރު އިރު އޮއްސެނީއެވެ. | ||
9 | އައުން | އަންނާނެ (ވާނޭކަން) | އޭނާ މިއަދު އަންނާނެ ވާހަކަ ބުންޏެވެ. |
10 | ބައްޕަ މާދަމާ ރަށަށް އަންނާނެއެވެ. | ||
11 | ދިޔުން | ނަމަވުން | ޔޫސުފު ބުނި ނަމަ، އޭނާ ދިޔައީސް ނޫންހެއްޔެވެ! |
12 | އޭނާ ދިޔަ ނަމަ، އަހަރެން ވެސް ދިޔައީމުހެވެ. |
(ށ) އުނިކަން:
ލަފުޒެއްގެ ފަހަތަށް އިތުރުކޮށްގެން ލަފުޒެއް އުފެއްދުމަށް ޓަކައި ބޭނުންކުރާ ވުން، ލުން، ކުރުން، ވެރުން، ފަދަ އެކަތަކަށް ކިޔަނީ އުނިކަމެވެ. މި ބާވަތުގެ އެކަތައް ލިޔާނީ މިސާލުގައި ވާ ފަދައިން ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
މަސްދަރު (ކަމުގެނަން) | ކަން | ލަފުޒުގެ ފަހަތަށް "އުނިކަން" އިތުރުކޮށްގެން އުފެދިފައި ހުންނަ ލަފުޒު ލިޔާނެ ގޮތް |
---|---|---|
ފެންވެރުން | ފެންވަރާ | މަދުވެގެން ދުވާލަކު އެއް ފަހަރު ފެންވަރާ މީހުން އުޅެއެވެ. ފެންވެރުން އެއީ ރަނގަޅު ކަމެކެވެ. |
ފެންވަރައިފި | ފެންވަރައިފި އޭނާ މިއަދު ތިން ފަހަރު ފެންވަރައިފިއެވެ. | |
ވުޟޫކުރުން | ވުޟޫކުރާ | ވުޟޫކުރުން އެއީ ނަމާދުގެ ޝަރުތެކެވެ. ވުޟޫކުރާ ނަމަ، ސާފުތާހިރުކަމަށް މަގުފަހިވާނެއެވެ. |
ވުޟޫކުރޭ | ދުޢާކުރުމުގެ ކުރީން ފުރަތަމަ ވުޟޫކުރާށެވެ! | |
ޝަހީދުވުން | ޝަހީދުވާ | މާތް اللهގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުން އެއީ ވަރަށް މަތިވެރި ނިޢުމަތެކެވެ. ޝަހީދުވާ މީހުންނަކީ މަރުވެފައިވާ ބައެއް ނޫނެވެ. |
ޝަހީދުވި | އެ ހަނގުރާމައިގައި ގިނަ ބަޔަކު ޝަހީދުވިއެވެ. | |
ވޯޓުލުން | ވޯޓުލާނީ | ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓުލުން އެއީ ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ. ވޯޓުލާނީ އެ މީހަކަށް ފެންނަ މީހަކަށެވެ. |
ވޯޓުލި | މި އަހަރު ފަހުދު ވެސް ވޯޓުލިއެވެ. |
މި ދެންނެވި ފަދަ ލަފުޒުތައް ނަފީކުރާ ހާލަތުގައި މެދަށް ނަފީގެ ނޫނެއް އިތުރުކުރިޔަސް އެ ލަފުޒު ލިޔާނީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
# | ނަފީނުކޮށް އޮތް މިސާލު | ނަފީކޮށްފައި އޮތް މިސާލު | ||
---|---|---|---|---|
މަސްދަރު | ޖުމުލަ | މަސްދަރު | ޖުމުލަ | |
1 | ފެންވެރުން | ފެންވެރުމަކީ ސާފުތާހިރުކަމެކެވެ. | ފެންނުވެރުން | އަދި މި އުޅެނީ ފެންނުވެރިގެންނެވެ. |
2 | ނަމާދުކުރުން | ނަމާދުކުރުމަކީ އެންމެ މުހިންމު އަޅުކަމެވެ. | ނަމާދުނުކުރުން | ނަމާދުނުކޮށް ހުންނާކަށްނުވާނެއެވެ. |
3 | ވުޟޫކުރުން | ވުޟޫކުރާންވާނީ ޠާހިރު ފެނުންނެވެ. | ވުޟޫނުކުރުން | ވުޟޫނުކޮށް ނަމާދު ޞައްޙައެއްނުވާނެއެވެ. |
4 | ދުޢާކުރުން | ދުޢާކުރުމަކީ އަޅުކަމެކެވެ. | ދުޢާނުކުރުން | ދުޢާނުކުރުމަކީ ބޮޑާކަން ދޭހަވާ ކަމެކެވެ. |
މި ފަދަ ލަފުޒުތައް ނަފީކުރުމަށް ޓަކައި، އާންމުކުރުމުގެ އަކުރުކަމަށް ވާ "އެއް/އަކީ" މިއިން އަކުރެއް ލަފުޒުގެ މެދަށް ވަދެފައި އޭގެ ފަހަތަށް ނަފީގެ ނޫނު ވަނަސް އެ ލަފުޒު ލިޔާނީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
އޭނާ އަދި ފެނެއްނުވަރައެވެ.
އަދި އޭނާ ނަމާދެއްނުކުރެއެވެ.
އޭނާ އަދި ވުޟޫއެއްނުކުރެއެވެ.
ޒިކުރުތަސްބީޙަ ކިޔައިގެން މީނާ ދުޢާއެއްނުކުރެއެވެ.
(ނ) ތަކުރާރުކުރާ ކަންއިތުރު:
ކަމެއް ތަކުރާރުކޮށްގެން އުފައްދައިފައި ހުންނަ ކަންއިތުރު ލިޔާނީ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. ކައިކައި ބަނޑު ބޮޑެއްނުވެއެވެ.
2. އެ ވާހަކަ އިވިއިވި އެއްގޯސްވެއްޖެއެވެ.
3. އަހަރެން ބުނެބުނެ ވަރުބަލިވެއްޖެއެވެ.
4. އެ މަންޖެ ރޮއިރޮއި ހަލާކުވެއްޖެއެވެ.
(ހ) އާންމު ހަމަ:
އާންމު ގޮތެއްގައި ޖުމުލައިގައި އަންނަ ކޮންމެ ނަންއިތުރެއް ވެސް ލިޔާނީ މިސާލުގައި ވާ ފަދައިން އެއް ލަފުޒު އަނެއް ލަފުޒާ ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
މިއީ ރީތި، ނަލަ، ހިތްގައިމު ހަވީރެކެވެ.
މުޙައްމަދަކީ ކުޅަދާނަ، މުރާލި، އަދި ހިތްހެޔޮ، މަޖާ މިޒާޖެއްގެ މީހެކެވެ.
ނުބައި، ނުލަފާ، މަކަރުވެރި މީހުން ވެސް އުޅޭނެއެވެ.
(ށ) ތަކުރާރުކުރާ ނަންއިތުރު:
ތަކުރާރުކޮށްފައި ހުންނަ ނަންއިތުރު ލިޔާނީ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
އެއީ ރީތިރީތި ހިތްގައިމު ކުޑަކުޑަ ކޮޓަރިއެކެވެ.
ޒާރާއަކީ ވަރަށް ދޮންދޮން، ލޯބިލޯބި ކުއްޖެކެވެ.
(ނ) ލަފުޒަކާއި އެ ލަފުޒުގެ އިދި ލަފުޒު އެކުވެގެން އުފެދިފައި ހުންނަ ލަފުޒު:
ލަފުޒަކާއި އެ ލަފުޒުގެ އިދި ލަފުޒު އެކުވެގެން އުފެދިފައި ހުންނަ ލަފުޒު ލިޔާނީ، މިސާލުގައި ވާ ފަދައިން އެ ދެ ލަފުޒު ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. އެ ތަނުގައި ވާނުވާ ގޮތެއް ބަލާންވާނެއެވެ.
2. އޭނާ އުޅޭނޫޅޭ ގޮތް ބަލައްޗެވެ.
3. ބިރުން އޭނާއަށް ހެދޭނެހެދޭއެއް ނޭނގެއެވެ.
4. އަހަރެންގެ މަސައްކަތަކީ ހަމަ އެކަނި ހިނގާނުހިނގާ ގޮތް ބަލައިލުމެވެ.
5. މީހުން ގިނަކަމުން ދެވޭނުދެވޭ ތަނެއް ނޭނގުނެވެ.
ލަފުޒަކާއި އެ ލަފުޒުގެ އިދިކޮޅު މާނައެއް ދޭހަވާ ލަފުޒެއް ގުޅުވައިގެން އުފެދިފައި ނުވަތަ އުފައްދައިފައި ހުންނަ ލަފުޒު ލިޔާނީ މިސާލުގައި ވާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
ހ. އިރުހުޅަނގު
ށ. ފިނިހޫނު
ނ. ދޮންކަޅު
ރ. ކުދިބޮޑު
ކަންއިތުރު އުފެއްދުމަށް ޓަކައި ލަފުޒެއްގެ ފަހަތަށް އިތުރުކުރެވޭ މުން، ގެން. ފައި، ކޮށް މި ފަދަ އެކަތައް ލިޔާނީ ކުރީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ. ނަމަވެސް ކަންއިތުރެއްގެ ގޮތުގައި ޢިބާރާތެއް ބޭނުންކުރާ ނަމަ، ޢިބާރާތުގައި ހިމެނޭ ލަފުޒުތައް ލިޔާނީ ޖުމުލައިގައި ލަފުޒު ވަކިކުރާން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއް ގޮތް ވާ ގޮތުގެ މަތީންނެވެ.
މިސާލު:
1. ޤުރުއާން ކިޔަވާން ވާނީ ރީތިކޮށް ލަސްލަހުންނެވެ.
2. ހިނގަމުން ވެސް ދުލުން ހެޔޮ އެއްޗެހި ކިޔޭނެއެވެ.
3. މީހުން ވާހަކަދައްކާ އިރު، ސަމާލުވެގެން އަޑުއަހާން ތިބޭށެވެ!
4. އޭނާ ދުވެފައި އައީ ބާރަށް އަންނާން ވެގެންނެވެ.
5. ރީތިކޮށް ބަސްއަހައިގެން އިންނާށެވެ!
(ހ) މިންވަރު ބަޔާންކުރާ އަދަދު:
ވިޔަކުރުމުގެ ގޮތުން ނުވަތަ މިންވަރެއް ބަޔާންކުރުމުގެ ގޮތުން ހިސާބުގެ އަދަދުތައް ލަފުޒުން ލިޔުނަސް ވިޔައަކުރުން ލިޔުނަސް ލިޔާނީ މިސާލުގައި ވާ ފަދައިން ކޮންމެ އަދަދެއް ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
1. ތޭރަ ކުދީން، ސަތޭކަ ރުފިޔާ، ސައްބީސް ކުދީން، ފަސް ސަތޭކަ ރުފިޔާ
2. 13 ކުދީން، 100 ރުފިޔާ، 26 ކުދީން، 500 ރުފިޔާ
(ށ) ހިސާބު އަދަދު ލަފުޒުން ލިޔުން:
ހިސާބު އަދަދު ލަފުޒުން ލިޔާ ނަމަ ލިޔާނީ ކޮންމެ އަދަދެއް ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
1. ދިހަ ލައްކަ ފަންސާސް ހަތް ހާސް އެއް ސަތޭކަ ފަންސާސް ނުވަ ރުފިޔާ
2. ފަންސާސް ހަތް ހާސް ނުވަ ސަތޭކަ ސާޅީސް ޑޮލަރު
3. ނަވާރަ ހާސް ހަތް ސަތޭކަ ސަތުވަންނަ ރުފިޔާ ހައްޓި ލާރި
4. ހާހާ ނުވަ ސަތޭކަ އެކާހައްޓިވަނަ އަހަރު
(ނ) ތަރުތީބާއި ވަނަ ބަޔާންކުރުން:
ތަރުތީބެއް ނުވަތަ ވަނަ ބަޔާންކުރުމަށް ޓަކައި އަދަދެއްގެ ފަހަތަށް "ވަނަ" މި ލަފުޒު އަންނަ ހާލަތުގައި އެ ދެ ލަފުޒު ލިޔާނީ މިސާލުގައި ވާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވ.ެ ތާނައިން އަދަދު ލިޔެފައި އޮތަސް ނުވަތަ ވިޔައަކުރުން ޖަހައިފައި އޮތަސް ތަފާތެއް ނެތެވެ.
މިސާލު:
1. ތިންވަނައަށް ދިޔަ ފަރާތްތަކަށް ވެސް އިނާމު ލިބޭނެއެވެ.
2. ލިސްޓުގެ ފަސްވަނައިގައި އޮތީ ދިރޭ ކުލަބެވެ.
3. ދުނިޔޭގެ ނިސްބަތުން ބަލާ އިރު ފުޓްބޯޅައިގައި ދިވެހިރާއްޖެ މިހާރު އޮތީ 155ވަނައިގައެވެ.
4. އެންމެ ގަދަ 10ވަނައިގެ ތެރޭގައި އެ ކުއްޖާ ހިމެނެއެވެ.
ދިވެހިބަހުގެ ގަވާއިދުގައި ހިމެނޭ އަކުރުގެ ތެރޭގައި ލަފުޒަކާ އެކުވެ ބަދަލު އަންނަ އަކުރާއި، އެއްވެސް ހާލަތެއްގައި ބަދަލު ނާންނަ އަކުރު ހުރެއެވެ. އެއީ މެހޭ އަކުރާއި ނުމެހޭ އަކުރެވެ.
(ހ) މެހޭ އަކުރު:
ބައެއް އަކުރަކީ އެ ލަފުޒުގެ ކުރިއަށް ނުވަތަ ފަހަތަށް އަންނަ ލަފުޒެއްގެ ސަބަބުން ބައެއް ފަހަރު ލަފުޒުގެ އަސްލަށް ބަދަލު އަންނަ ލަފުޒުތަކެކެވެ. މި ފަދަ ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތުގައްޔާއި ބަދަލު ނާންނަ ހާލަތުގައި ވެސް ލިޔާނީ މިސާލުގައި ވާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވެ. މެހޭ އަކުރޭ ކިޔަނީ މި ބާވަތުގެ އަކުރުތަކަށެވެ.
އަކުރު | މެހޭ އަކުރު ޖުމުލައިގައި ބޭނުންކޮށްފައިވާ ގޮތުގެ މިސާލު | |
---|---|---|
ލަފުޒަށް ބަދަލު އަންނަ ހާލަތު | ލަފުޒަށް ބަދަލު ނާންނަ ހާލަތު | |
އަށް | ފޮތް ކިޔާން ވާނީ ފޮތަށް ބަލައިގެންނެވެ. | ޢަލީ ގެއަށް ހިނގައްޖެއެވެ. |
މުޙައްމަދަށް އަންގާށެވެ! | ހަސީނާއަށް ދޭށެވެ! | |
އިން | މުވައްޒަފުން އުޅޭން ޖެހޭނީ ގަވާއިދާ އެއް ގޮތަށެވެ. | ކާތިބާއިން ރީތިކޮށް ލިޔެއެވެ. |
އަހަރެންގެ ހެދުމުން ކުލަ ހިނގައްޖެއެވ.ެ ގެއިން ބޭރަށް ނުދާށެވެ. | ގެއިން ބޭރަށް ނުދާށެވެ. | |
އާ | މުޙައްމަދާ އެކު ދިޔައެވެ. | ގެއާ ހަމައަށެވެ. |
ގަވާއިދާ ޚިލާފުނުވާށެވެ! | ހަސީނާއާ މެދު ވިސްނާށެވެ! | |
އާއި | މަންމަޔާއި ބައްޕަގެ ބަސް އަހަން ވާނެއެވެ. | ޢަލީއާއި އާމިނަތު މިހާރު އުޅެނީ މާލޭގައެވެ. |
މިނިސްޓްރީތަކާއި އޮފީސްތަކަށް ޒިޔާރާތްކުރާށެވެ! | ޒީނާއާއި ޙަލީމާ އެބަ އާދެއެވެ. | |
އެއް | ޢީދު ހެދުމެއް ގަނެދޭނަމެވެ. | މަޑިއެއް ކަށިޖަހައިފިއެވެ. |
މިނިސްޓްރީތަކާއި އޮފީސްތަކަށް ޒިޔާރާތްކުރާށެވެ! | ޒީނާއާއި ޙަލީމާ އެބަ އާދެއެވެ. | |
އެވެ | ހުރިހައި ކުދީން އަންނާށެވެ. | އެ ގެޔަށް ދިޔައީ ޢަލީއެވެ. |
އޭނާ ހުއްޓުނެވެ. | އަދި އޭނާ އަންނާނެއެވެ. | |
އަކީ | ކަނޑުމަހަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. | މި ގެއަކީ ޢަލީގެ ގެއެކެވެ. |
މާވަށަކީ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. | ކުޑަފަރީއަކީ ރީތި ރަށެކެވެ. | |
އަކު | މަހަކު ކަށްޓެއް ނެތެވެ. | މި ގެއަކު ދޮރެއް ނެތެވެ. |
މީހަކު ނާދެއެވެ. | އޭނާ ދެންމެއަކު އަތުވެއްޖެއެވެ. | |
އީ | އެ ދުވަހީ ހަނދާނުން ފުހެލަން ދަތި ދުވަހެކެވެ. | އެ ގެއީ ވަރަށް ރީތި ގެއެކެވެ. |
އެންމެންނީ އެއް ގޮތަކަށް ޢަމަލުކުރާ ބައެއް ނޫނެވެ. | ދެވަނައީ ވެސް ރަނގަޅު ވަނައެކެވެ. |
(ށ) ނުމެހޭ އަކުރު:
އަކުރުގެ ކުރިއަށް އަންނަ ލަފުޒުގެ ފަހު އަކުރަށް ގެނެވޭ ބަދަލެއްގެ ސަބަބުން ވިޔަސް ނުވަތަ އެހެން ސަބަބަކާ ހުރެ ވެސް ލަފުޒުގެ އަސްލަށް ބަދަލު ނާންނަ އަކުރު ހުރެއެވެ. މި ފަދަ އަކުރުތައް ކޮންމެ ހާލަތެއްގައި ވެސް ލިޔާނީ ލަފުޒާ ވަކިކޮށްގެން ވަކީންނެވެ. މި ފަދަ އަކުރުތަކަށް ކިޔަނީ ނުމެހޭ އަކުރެވެ.
މިސާލު:
އަކުރު | ނުމެހި ދުރުކޮށްފައި އޮންނަ އަކުރު ޖުމުލައިގައި ބޭނުންކޮށްފައި |
---|---|
ނަމަވެސް | އެ ފޮތް ބަލައިލާން ރީއްޗެވެ. ނަމަވެސް މާ އަގު ބޮޑެވެ. |
އެހެންނަމަވެސް | ފައިސާ ލިބިއްޖެއެވެ. އެހެންނަމަވެސް ތަކެތި ގަންނާކަށް ނުލިބުނެވެ. |
ނަމަ | އަހަރެންގާތު ބުނި ނަމަ، އެ ކަން ކޮށްދިނީމުހެވެ. |
ވެސް | ކޮންމެ ސަބަބަކާ ހުރެ ވެސް އެ ކަން ކުރާންޖެހެއެވެ. |
ފަދަ | ދޮންވެލި ބިމެއްގައި ލެއްވުމީ ކޮން ފަދަ ނަސީބެއްތޯއެވެ! |
އެކު | އޭނާއާ އެކު ދާނަމެވެ. |
އެކަމަކު | އެ ފިހާރައިގައި ތަކެތި އަގުހެވެވެ. އެކަމަކު ފެންވަރު ދަށެވެ. |
ދެންފަހެ | ދެންފަހެ، ސަލާމާއި ޞަލާވާތްލެއްވި އިތުރު އެކަލޭގެފާނު މިޢުރާޖު އަރައިވަޑައިގަތް ރޭގައި........... |
ފަހެ | ކަލެއަށް ފަހެ އަޑު ނީވެނީހެއްޔެވެ؟ |
ކަހަލަ | ތިޔަ ކަހަލަ ވާހަކަ ނުދައްކާށެވެ! |
ދަންނައެ | ދަންނައެ، ޤިޔާމުގައި ހުށުން އެއީ ހަށިގަނޑުން ކުރާ ކަމެކެވެ. |
ޓަކައި | ޤައުމަށް ޓަކައި އަހަރެންގެ ފުރާނައިން ޤުރުބާންވާން ވެސް ތައްޔާރެވެ. |
އަދިވެސް | ހަސަނު އަދިވެސް ނާދެއެވެ. |
މާތުރަ | މާތުރަ، ޤުރުއާން ކިޔަވާންވާނީ ތަރުތީލުކޮށެވެ. |
އަދި | އެއީ ހިތްގައިމު ރަށެކެވެ. އަދި އެއް ފަހަރު އެ ރަށަށް ދެވޭނެ ނަމައެވެ. |
އިރު | އަހަރެން އެ ތަނަށް ދިޔަ އިރު، އޭނާ އައިސް އިނެވެ. |
ދެން | ފުރަތަމަ ހަނޑޫކޮޅު ދޮވެލާށެވެ! ދެން، ކައްކާ ތެއްޔަށް އަޅައި ފެނާއި ލޮނު ހެޔޮވަރުކޮށްލާށެވެ! |
ނުވަތަ | ގަލަމެއް ނުވަތަ ފަންސުރެއް ނަމަވެސް ދީބަލާށެވެ! |
ނޫނީ | މުޙައްމަދު ނޫނީ ބުރަކޮށް މަސައްކަތްކުރާ މީހަކު ނެތެވެ. |
ނޫން | މި ނޫން އެހެން ގޮތެއް ބުނެބަލާށެވެ! |
ހެން | ދޫނި ހެން، އަހަރެމެންނަށް ވެސް އުދުހެވޭނެ ނަމައެވެ! |
ފިޔަވައި | ރީތިކަން ފިޔަވައި ވަކި ޚާއްސަ އެހެން ކަމެއް އޭނާގެ އެބަ ހުރިހެއްޔެވެ؟ |
މެނުވީ | الله މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނެތެވެ. |
(ނ) ގިނަކުރުމުގެ އަކުރު:
ގިނަކުރުމުގެ ގޮތުން ލަފުޒުގެ ފަހަތަށް އިތުރުކުރާ ތައް، މެން، ފަހަރު، މި ފަދަ އަކުރުތައް ހުރިހައި ހާލަތެއްގައި ވެސް ލިޔާނީ ކުރީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
މޭޒުތަތައް، ގަސްތަތައް، ކުދީންތައް
ބޯޓުފަހަރު، ދޯނިފަހަރު، އޮޑިފަހަރު
ދައްތަމެން، މަންމަމެން، ބައްޕަމެން
(ރ) ސުވާލުގެ އަކުރު:
ޖުމުލައިގެ ފަހަތަށް ގެންނަ، ހޭ، ހެއްޔޭ، ތަ، ތޯ ފަދަ ސުވާލުގެ އަކުރުތައް ލިޔާނީ މިސާލުގައި ވާ ފަދައިން ކުރީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
ބުނާނީ ކީކޭހޭ؟
އޭނާ އަންނާނެހެއްޔެވެ؟
މުޙައްމަދު ކިހިނެއްތަ؟
ހާލުކޮޅު ކިހިނެއްތޯ؟
(ބ) ނަފީގެ އަކުރު:
ނަފީގެ އަކުރުތަކުގެ ގޮތުގައި ދިވެހިބަހުގައި ބޭނުންކުރާ، ނަ، ނު، ނޮ، ނޯ، ނާ، ނޭ، ނީ، ބަދު، ބޭ، ލާ، އަ، ޣައިރު މި ފަދަ ލަފުޒުތައް ލިޔާނީ ވިދިގެން އޮންނަ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
ލަފުޒުގެ ގިންތި | ނަފީނުކޮށް | ނަފީކޮށްފައި |
---|---|---|
ކަމާއި ކަމުގެ ނަން ނުވަތަ މަސްދަރު | ހަދާނެ | ނަހަދާނެ/ ނުހަދާނެ |
ދުވުން | ނުދުވުން | |
އޮންނާނެ | ނުއޮންނާނެ / ނޯންނާނެ | |
އިންނާނެ | ނިއިންނާނެ/ ނީންނާނެ | |
ހިނގައްޖެ | ނުދޭ | |
އައި | ނާދޭ | |
ނަން | ދުޢާ | ބަދުދުޢާ |
އެކަށޭނަ | ނުއެކަށޭނަ/ ނޭކަށޭނަ | |
ކިއްސަރު | ނުކިއްސަރު | |
ނަސީބު | ބަދުނަސީބު | |
ތަހުޒީބު | ނާތަހުޒީބު | |
އިންސާފު | ބޭއިންސާފު/ ނާއިންސާފު | |
ނަންއިތުރު | ބާއްޖަވެރި | އަބާއްޖަވެރި |
އިންސާނީ | ލާއިންސާނީ | |
ލަފާ | ނުލަފާ |
(ޅ) ނިސްބަތުގެ ނުވަތަ މިލްކުވެރިކަމުގެ އަކުރު:
ނަފީގެ އަކުރުތަކުގެ ގޮތުގައި ދިވެހިބަހުގައި ބޭނުންކުރާ، ނަ، ނު، ނޮ، ނޯ، ނާ، ނޭ، ނީ، ބަދު، ބޭ، ލާ، އަ، ޣައިރު މި ފަދަ ލަފުޒުތައް ލިޔާނީ ވިދިގެން އޮންނަ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
ރަނުގެ ގަހަނާ
ހިތުގެ ވިންދު
އަހަރެންގެ މުދާ
ނީނާގެ ކާރު
(ކ) ކޮޅު، ފޮދު
އެއްޗެއްގެ މިންވަރު ބަޔާންކުރުމުގެ ގޮތުންނާއި އެންމެ މާތްދަރަޖައިން ވާހަކަދެއްކުމުގައި ލަފުޒެއްގެ ފަހަތަށް އިތުރުކުރާ ކޮޅު، ފޮދު ލިޔާނީ، މިސާލުގައި ވާ ފަދައިން ކުރީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. މި ގޭގައި ހުރި ތެޔޮފޮދު ހުސްވީއެވެ. އެކަމަކު ހަނޑޫކޮޅު އަދި ހުހެއް ނުވެއެވެ.
2. ރައީސްގެ މޭޒުކޮޅު މިހާރު ވަރަށް ބާވެއްޖެއެވެ.
3. މިނިސްޓަރު ވަޑައިގަތް އިރު ހުރީ ސައިފޮދު ތައްޔާރުނުވެއެވެ.
(އ) ފުޅު
މާތް ދަރަޖައިން ވާހަކަދެއްކުމުގައްޔާއި އެހެން ބައެއް ހާލަތުގައި ލަފުޒުގެ ފަހަތަށް "ފުޅު" އިތުރުކޮށްފައި ހުރެއެވެ. ކޮންމެ ބޭނުމަކަށް ޓަކައި ނަމަވެސް ލަފުޒެއްގެ ފަހަތަށް އިތުރުކުރާ "ފުޅު" ލިޔާނީ މިސާލުގައި ވާ ފަދައިން ކުރީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. އެ މަނިކުފާނު ގެއަށް ވަޑައިގަތީ ފިކުރުފުޅު ބޮޑުވެގެން ނީންނެވިގެންނެވެ.
2. މިއަދު މުޙައްމަދުފުޅު މާ ހެނދުނަކާ އަތުވެއްޖެއެވެ.
3. ދަރިފުޅު އެއްޗެއް ކައިފީމުހެއްޔެވެ؟
(ވ) ގަނޑު:
އެއްޗެއްގެ ބިޔަކަން ދޭހަކޮށްދިނުމުގެ ގޮތުންނާއި (ބައެއް ފަހަރު) އެއްޗެއް ދެރަކޮށް ދަށްކޮށްލުމަށް ޓަކައި "ގަނޑު" މި ލަފުޒު ބޭނުންކުރެއެވެ. މި ދެ ހާލަތުގައި ވެސް މި އަކުރު ލިޔާނީ މިސާލުގައި ވާ ފަދައިން ކުރީ ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
1. ތިޔަ ގަމީސްގަނޑު ބާލާކަށް ނުވޭހެއްޔެވެ؟
2. އެއްކަލަ މީހާގަނޑު މިއަދު ވެސް މަގޭ ފަހަތުން އަޅުވައިލިއެވެ.
3. އެ ކަޅު ވިލާގަނޑު ނަގައި ބޯމަތިކުރަނީއެވެ.
4. މި ލަކުޑިގަނޑު ހާދަހާ ބަރުވާނެއެވެ.
(މ) އާނ ބަސް ބުނުވުމާއި ބަސް ގަދަކުރުމުގެ ގޮތުން ބޭނުންކުރާ އަކުރުތައް:
މީހަކު ދައްކާ ވާހަކައަކަށް އާނ ބަސް ބުނުވުމުގެ ގޮތުންނާއި ބަސް ގަދަކުރުމުގެ ގޮތުން ބޭނުންކުރާ ދޯ، އުތަ، ތާ، އިނގޭ މި ފަދަ އަކުރުތައް ލިޔާނީ ކުރީ ލަފުޒާ ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
1. އޭނާ އެހެން ބުނި ދޯ؟
2. ގޮސްދޭނަން އުތަ؟
3. މަށާ އެކުގައި އެ ގެއަށް ދާންވާނެ އިނގޭ!
(ފ) ލަފުޒަކަށް އިތުރުކުރާ "ކަން" މި އެކަ:
ލަފުޒަކުން އެހެން ލަފުޒެއް އުފެއްދުމަށް ޓަކައި ނުވަތަ އިތުރު މާނައެއް ދޭހަކޮށްދިނުމަށް ޓަކައި "ކަން" މި އެކަ ގުޅުވައެވެ. ކޮންމެ ބޭނުމަކަށް ޓަކައި ވިޔަސް ލަފުޒެއްގެ ފަހަތަށް އިތުރުކުރާ "ކަން" މި އެކަ ލިޔާނީ މިސާލުގައި ވާ ފަދައިން ލަފުޒާ ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
ގުޅުވާ ލަފުޒާއި ގުޅުވާ ގޮތް | އުފެދުނު ލަފުޒު | ޖުމުލައިގައި ބޭނުންކުރާ ގޮތުގެ މިސާލު |
---|---|---|
ރީތި + ކަން | ރީތިކަން | އޭނާގެ ރީތިކަން ދެކެބަލާށެވެ! |
މިނިވަން + ކަން | މިނިވަންކަން | މިނިވަންކަން ލިބުމަކީ ހާދަހާ ބޮޑު ނިޢުމަތެކެވެ. |
މީހެއް + ކަން | މީހެއްކަން | މަށަކީ ވެސް މީހެއްކަން ދަންނާން ޖެހޭނެއެވެ. |
ހަސަނު + ކަން | ހަސަނުކަން | އޭރު އައީ ހަސަނުކަން މަށަށް އެނގެއެވެ. |
ދިޔަ + ކަން | ދިޔަކަން | ވަހީދު ވެސް ދިޔަކަން ހާދަހާ ރަނގަޅެވެ. |
ކައިފި + ކަން | ކައިފިކަން | އޭނާ ބައިވަރުތަކެއް ކައިފިކަން ޔަގީނެވެ. |
އޮޅުންފިލުވައިދިނުމެއް:
އިސްވެ ދެންނެވުނު ގޮތުގެ މަތީން، ނަމާއި ކަމާއި ނަންއިތުރުގެ ފަހަތަށް "ކަން" ގުޅުވައިގެން އުފެދޭ ލަފުޒެއްގެ ފަހަތަށް، މެހޭ އަކުރެއް އައި ނަމަ ވެސް ލިޔާނީ، ހަމަ އެހެން ލަފުޒުތަކުގެ ފަހަތަށް އަންނަ ލަފުޒުތައް ލިޔާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވެ.
މިސާލު:
މިނިވަންކަމެއް ނެތެވެ. (މިނިވަންކަން+އެއް)
ސާފުތާހިރުކަމެއް ނެތް ނަމަ، ރީތިކަމަކީ ކޮބައިހެއްޔެވެ؟ (ސާފުތާހިރުކަން+އެއް، ރީތިކަން+އަކީ)
އެއީ ހަސަނުކަމެއް ޔަގީނެއް ނޫނެވެ. (ހަސަނުކަން+އެއް)
އޭނާ ދިޔަކަމެއް ޔަގީނެއް ނޫނެވެ. (ދިޔަކަން+އެއް)
7. ލިޔެކިޔުމުގައި ބޭނުންކުރާ ނިޝާންތައް:
(ހ) ފުލުސްޓޮޕު
ޖުމުލައެއް ނިމުނުކަން އަންގައިދޭން ޖަހާ ތިކި، ފުލުސްޓޮޕު ޖަހާނީ ލަފުޒާ ވިދިގެން ވަކިނުކޮށެވެ. ފުލުސްޓޮޕަށް ފަހު ކޮމާކޯޅި ފަދަ ބުރެކެޓު ފަދަ އެހެން ނިޝާނެއް އެ ލަފުޒުގައި ނުވަތަ އެ ޖުމުލައިގައި ޖަހާ ނަމަ، ޖަހާނީ ފުލުސްޓޮޕާ ވިދިގެން ވަކިނުކޮށެވެ. ފުލުސްޓޮޕުގެ ފަހަތަށް އެހެން ޖުމުލައެއް ނުވަތަ ލަފުޒެއް ލިޔާ ނަމަ، ލިޔާން ވާނީ މިސާލުގައި ވާ ފަދައިން ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
1. މިއީ މަދަރުސާއެކެވެ. (އެ ތާނގައި ވަރަށް ގިނަ މުދައްރިސުން އުޅެއެވެ.)
2. އޭނާ ބުންޏެވެ. "އެބަ އަންނަމެވެ."
(ށ) ކޮމާކޯޅީގެ ތެރޭގައި އޮންނަ ލަފުޒު:
ކޮމާކޯޅީގެ ތެރޭގައި ލަފުޒުތައް ލިޔާ އިރު ލިޔާނީ، ކޮމާކޯޅީގެ އެއްކޮޅަކުން ވެސް ކޮމާކޯޅިއާ ލަފުޒު ވަކިނުކޮށެވެ.
މިސާލު:
1. ދިވެހި އަދަބުގައި "އުޖާލާވި ރަންތަރި" ފަދަ އަދީބުން ވަރަށް މަދެވެ.
2. "އާނއެކެވެ."
(ނ) ބުރެކެޓުގެ ތެރޭގައި އޮންނަ ލަފުޒު:
ބުރެކެޓުގެ ތެރޭގައި ލަފުޒުތައް ލިޔާ އިރު ލިޔާނީ، މިސާލުގައި ވާ ފަދައިން ބުރެކެޓުގެ އެއްކޮޅަކުން ވެސް ބުރެކެޓާ ލަފުޒު ވަކިނުކޮށެވެ.
މިސާލު:
1. އަހަރެން އޭނާއަށް ދިނީ -/10 ރ. (ދިހަ ރުފިޔާ)
2. އަދި މި ވީ ދިހަ އަހަރެވެ. (ދިހަ އަހަރެވެ.)
(ރ) ކޮމާކޯޅީގައި އޮންނަ ލަފުޒެއް ނުވަތަ ޖުމުލައެއް ބުރެކެޓުގައި ލިޔުން:
ބުރެކެޓުގެ ތެރޭގައި ކޮމާކޯޅި ލަފުޒެއް ނުވަތަ ޖުމުލައެއް ލިޔާ އިރު ލިޔާނީ، މިސާލުގައި ވާ ފަދައިން ބުރެކެޓުގެ އެއްކޮޅަކުން ވެސް ބުރެކެޓާ ކޮމާކޯޅި ވަކިނުކޮށެވެ.
މިސާލު:
("އޭ އީމާންވެއްޖެ މީސްތަކުންނެވެ!")
(ބ) ކަތިރޮނގުގެ ފަހަތަށް ލިޔާ ލަފުޒު
ލިޔުންގަނޑުގެ ތެރޭގައި ކަތިރޮނގު ނުވަތަ އޮބުލިކަކާ ވިދިގެން ލިޔާ ލަފުޒު ލިޔާނީ މިސާލުގައި ވާ ފަދައިން އޮބުލިކުގެ ދެކޮޅުން (އެއްވެސް ކޮޅަކުން) ވެސް ހުސްތަންކޮޅެއް ދޫނުކޮށެވެ. (ވަކިނުކޮށެވެ.)
މިސާލު:
ދުވަސް/މަސް/އަހަރު
ދިވެހިއި/ނގިރޭސި
(ޅ) ރަމްޒު އަކުރު:
ރަމްޒު އަކުރު ވެސް ލިޔާނީ، މިސާލުގައި ވާ ފަދައިން ލަފުޒު ވަކިކުރާ އުސޫލުން ނުމެހޭ އަކުރެއް ނަމަ ވަކިކޮށްގެން އަދި މެހޭ އަކުރެއް ނަމަ ވަކިނުކޮށެވެ.
މިސާލު:
އދ.ގެ އާންމު މަޖިލީސް
އދ. ވެސް އެ ކަން ކުށްވެރިކުރެއެވެ.
އދ. މަހިބަދޫ
ލ. އަތޮޅު
ހ. އަނގައިންނުބުނާގެ
އޮޅުންފިލުވައިދިނުމެއް:
އދ. މި ރަމްޒަކީ މުޅީން ތަފާތު ދެ ނަމަކަށް ނިސްބަތްވާ ރަމްޒެކެވެ. އެންމެ ގިނަ ދުވަސްވީ ނަމަކީ "އެކުވެރި ދައުލަތްތައް" މި ނަމެވެ. ހަމަ މި ފަދައިން އަރިއަތޮޅު ދެބައިކޮށް ދެކުނު ބަޔަށް އަރިއަތޮޅު ދެކުނުބުރިއޭ ކިޔުމުން އެ އަތޮޅުގެ ނަމުގެ ރަމްޒެއްގެ ގޮތުގައި ވެސް އދ. ބޭނުންކުރާން ފެށުނީއެވެ. މިއީ ނަމެއް (ލަފުޒެއް)ގެ ރަމްޒެއްކަމަށް ވާތީ، ޖުމުލައިގައި އެ ރަމްޒު ލިޔާނީ އެހެން ލަފުޒުތައް ވެސް ވަކިކުރާށާއި ވަކިނުކުރާން ހުންނަ އުސޫލުން، އަންނަނިވި މިސާލުތަކުގައިވާ ފަދައިންނެވެ. މި ގޮތުގެ މަތީން، އަތޮޅުއަތޮޅަށާއި އަވަށްއަވަށުގެ ނަމުގެ ބަދަލުގައި ބޭނުންކުރާ ދެ އަކުރުގެ ރަމްޒުގެ މެދުތެރޭގައި ތިއްކެއް ނުޖަހާނެއެވެ.
މިސާލު:
ހދ. ހަނިމާދޫ
ގދ. ކާޑެއްދޫ
މިހާރު އެ މަނިކުފާނު އއ.ގެ ރަށްރަށަށް ދަތުރުކުރައްވަނީއެވެ.
ގއ.އަށް ދާނީ ކޮން އިރަކުހެއްޔެވެ؟
މއ. އިލޮށިފަތިގަސްދޮށުގެ
އަޝްރަފް ޢަލީ
ދިވެހިބަހުގެ އެކެޑަމީގެ ރައީސް
ﷲއަށް ޙަމްދުކުރަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާއަގައި އިތުރު އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުން ޝާމިލްކުރަމެވެ.
ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުގެ ޚާއްޞަ އެޕެއް ވުޖޫދުވީއެވެ. މިއީ ތާނަ ލިޔުމުގެ ހަމަތަކާއި އުސޫލުތަކަށް އެންމެހައި ދިވެހީން ޚާއްޞަކޮށް ދިވެހި ޒުވާނުންނާއި ދިވެހި ލިޔުންތެރީންނާއި ދިވެހި ދަރިވަރުން އަހުލުވެރިކުރުވުމުގެ ބޭނުމުގައި އުފައްދައި ވުޖޫދުކުޅަ އެޕެކެވެ.
މި އެޕު ފަރުމާކުރައްވައި އުފައްދައި ތައްޔާރުކުރެއްވި ކަމަށް ޓަކައި މި އެކެޑަމީގެ ކޮންޕިޔުޓަރ ޓެކުނީޝަން އަލް އަޚް އަނަސް މުޙައްމަދަށް ނުހަނު ލޯތްބާއި އިޙުތިރާމާއެކު ޝުކުރު ދަންނަވަމުން ތަހުނިޔާއާއި މުބާރިކު ބާދީ ދަންނަވަމެވެ. މި ޝުކުރާއި ތަހާނީގައި މީޑިޔާ އޮފިސަރ އަލްއަޚް ޙުސައިން ހިޒާމްގެ ނަންފުޅު ފާހަގަކޮށް އޭނާއަށް ވެސް ޝުކުރު ދަންނަވަނެވެ. މި މަސައްކަތް ކާމިޔާބު ވުމުގައި މި ދެބޭފުޅުން ކުރެއްވި އަގުބޮޑު ބުރަ މަސައްކަތްޕުޅުގެ އަގު އަޅުގަނޑު ވަޒަންކުރަމެވެ. މީގެ އިތުރަށް މި އެޕަށް ބޭނުން ވާ އެކި ދާއިރާތަކުގެ މައުލޫމާތު ފޯރުވައިދެއްވައި ވެދެއްވި އެހީތެރިކަމަށް ޓަކައި އެކެޑަމީގެ މުސްތަޝާރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލާ ނަސީމާ މުޙައްމަދަށާއި ޑެޕިޔުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ވަޙީދު ނަދުވީއަށް ވެސް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިކަން ކުރިޔަށް ގެންދިޔުމުގައި އެހީތެރިކަން ދެއްވި އެންމެހައި ބޭފުޅުންނަށް ނުހަނު އުފަލާއެކު ޝުކުރު ދަންނަވަމެވެ.
4 މޭ 2017
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ.
ލަފުޒު ވަކިކޮށް ލިޔުމުގެ ރަސްމީ ގަވާއިދެއް ވުޖޫދުވީއެވެ. މި ކަމަށް ޓަކައި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. ލަފުޒު ވަކިކުރުމުގެ މައްޗަށް އުޞޫލެއް އެންމެ ފުރަތަމަ ހެއްދެވީ 1 އެޕްރީލް 1986 ވަނަ އަހަރު، ދިވެހިބަހާއި ތާރީޚާށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ. އެއީ "ބަސްބަސް ވަކިކޮށް ލިޔުން" މި ނަމުގައި އެ މަރުކަޒުގެ ބަސް ކޮމިޓީން ނިންމެވި ނިންމެވުމެކެވެ. އެ އުޞޫލު ވަނީ ޢާއްމުކޮށް އިޢުލާންކުރައްވައިފައެވެ. އޭގެ ފަހުން 24 އޮގަސްޓް 2005 ވަނަ އަހަރުގައި އެ އުޞޫލު އިޞްލާޙުކުރެއްވުމުގެ މަސައްކަތްތަކެއްވެސް ވަނީ އެ މަރުކަޒުން ކުރައްވައިފައެވެ.
ލަފްޒު ވަކިކޮށް ލިޔުމުގެ މި ގަވާއިދަކީ، މީގެ ކުރީން ޤައުމީ މަރުކަޒުން ހެއްދެވި އުޞޫލުގައި އެކި ފަހަރު މަތިން ކަނޑައަޅުއްވައިފައި ހުރި ކަންކަން އިތުރަށް ދިރާސާކުރުމަށް ފަހު ލަފުޒު ވަކިކޮށް ލިޔުމުގެ އައ ގަވާއިދެއް އެކަށައެޅުމަށް މި އެކެޑަމީން އެކުލަވައިލި ޚާއްޞަ ކޮމިޓީއަކުން ނިންމި ހަމަތަކުގެ މައްޗަށް މި އެކެޑަމީގެ ބަސް ކޮމިޓީން ދެއްވި ލަފާގެ މަތިން ފާސްކޮށް ނިންމި ގަވާއިދެވެ. އެހެންކަމުން، މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ ވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ދެންނެވުމަކީ މި ގަވާއިދުގައި ހިމެނޭ ހަމަތަކާ އެއް ގޮތަށް ދިވެހިބަހުން ލިޔުމަށް ހުރިހައި ފަރާތަކުން ސަމާލުކަންދެއްވުމެވެ.
29 ޝަޢުބާން 1434
08 ޖުލައި 2013
އަޝްރަފް ޢަލީ
ދިވެހިބަހުގެ އެކެޑަމީގެ ރައީސް
ދިވެހިބަހުން ލިޔުމުގައި ލަފުޒުތައް ވަކިކޮށް ލިޔުމަކީ ޖުމުލައިގެ މާނަ ދޭހަވާން ފަސޭހަކޮށްދޭ ކަމެކެވެ. އަދި މިއީ ލިޔެފައި ހުންނަ ލިޔުން ކިޔާން ފަސޭހަވާ ކަމެއް ވެސް މެއެވެ. ތިރީގައި މި ވަނީ ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ ގަވާއިދެވެ.
މިސާލު: ރީތި ލިޔުމަކީ ލޮލުގެ މިއުޒިކެވެ.
- ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ ތެރެއިން ވަކީން ލިޔާނީ އެއްވެސް ޙާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ. ލަފުޒަކާ މެހުމޭ ބުނެވެނީ ލަފުޒަކާ އަކުރެއް ގުޅޭއިރު، ކުރީ އަކުރުގެ ފަހަތަށް ބަދަލު އައުމާއެކު ދެ ލަފުޒު އެއް ލަފުޒަކަށް ބަދަލުވެގެން ދިއުމަށެވެ.
މިސާލު:
އޭނާ ވެސް ("ވެސް" މިއީ މެހޭ އަކުރެއް ނޫން)
އޭނާއަށް ޓަކައި ("އަށް" މިއީ މެހޭ އަކުރެކެވެ.)
އޭނައާ އެކު ("އާ" މިއީ މެހޭ އަކުރެއް)
މިސާލު:
ފޮތްތައް - ގަލަންތައް - މޭޒުތައް
އަހަރެމެން - މަންމަމެން - ބައްޕަމެން
ދޯނިފަހަރު - ބޯޓުފަހަރު - އޮޑިފަހަރު
މައިން - ވެރީން - ސިފައިން
މުދިމުން - މުދައްރިސުން - ކާތިބުން
ހ- ގިނަކުރުމުގެ ގޮތުން ކުރާ ތަކުރާރު
މިސާލު:
ގަސްގަސް
ރުއްރުއް
އަޑުއަޑު
ށ. ލަފުޒު ތަކުރާރުވެފައި ހުންނަ ނަންއިތުރު
މިސާލު:
ރީތިރީތި
ލޯބިލޯބި
ދިގުދިގު
ނ. ލަފުޒު ތަކުރާރުވެފައި ހުންނަ ކަންއިތުރު
މިސާލު:
ބާރުބާރަށް
އަވަސްއަވަހަށް
ލަސްލަހުން
ރ. ފަހަތަށް "މުން" މި އަކުރުގެ އަންނަ ކަންއިތުރުގެ ތަކުރާރު
މިސާލު:
ދުވަމުންދުވަމުން
ނަށަމުންނަށަމުން
ބ. ނިމިނިމުނުކަމުގެ ތަކުރާރު
މިސާލު:
އިވިއިވި
ކައިކައި
ބުނެބުނެ
ރޮއިރޮއި
މިސާލު:
ގޮނޑި - ގޮނޑިއެއް
މޭޒު - މޭޒެއް
ފޮތް - ފޮތެއް
މިސާލު:
އެ މީހާ
ތި ފޮތް
މި ފިހާރަ
މިސާލު:
ގޮތެއްފޮތެއް
ތަނެއްދޮރެއް
އާޑެއްފާޑެއް
ލަކުޑިފަކުޑި
މިސާލު:
- ވާނުވާ، އުޅޭނޫޅޭ، ހިނގާނުހިނގާ، ހެދޭނެހެދޭ
މިސާލު:
ފޮތުގެ ގަނޑެއް
ހިތުގެ ވިންދު
ދޫނީގެ ފިޔަގަނޑު
ކަނޑުގެ ލޮނުގަނޑު
މިސާލު:
އަންނާނެއެވެ.
ހުންނާނެއެވެ.
ރުކެކެވެ.
ދޮށްޓެވެ.
މިސާލު:
ބަދިގެއަށް، ގެއަށް، ކޮޓަރިއަށް
ބޭރަށް، ދޯންޏަށް، އިތުރަށް
މިސާލު:
ބަލަމުން، ދުވަމުން
ނަގައިގެން، ގޮވައިގެން
ހިނގައިފައި، ދުވެފައި
މިސާލު:
ގެއިން، ރަށުން، ދުރުން
އޭނާއަކީ، އެ ގެއަކީ ބުޅަލަކީ
މީހަކު، ފަހަރަކު، އަދަކު މާދަމާއަކު
މިސާލު:
ރަނގަޅު - ނުރަނގަޅު، ބާއްޖަ – އަބާއްޖަ،
ނަސީބު – ބަދުނަސީބު، މުސްލިމުން - ޣައިރުމުސްލިމުން
ކާމިޔާބު – ނާކާމިޔާބު، އިންސާނީ – ލާއިންސާނީ،
އިންސާފު – ބޭއިންސާފު
ކެއުން – ނުކެއުން،
ދުވުން – ނުދުވުން،
ކުޅުން – ނުކުޅުން،
ހަދާނެ - ނަހަދާނެ
މިސާލު:
ކިހިނެއްތަ؟
ކިހިނެއްތޯ
ކާކުހޭ؟
އަންނާނަންހޭ؟
މިސާލު:
އަންނާނަން ދޯ؟
އެހެން ބުނިން އުތަ؟
މަ ބުނިން ތާ!
މިސާލު:
ދެ ކުދިން، ތިން ކުދިން، ފަސް މީހުން.
ށ. ހިސާބު އަދަދު ލިޔާ އިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ.
މިސާލު:
ފަސް ސަތޭކަ
ހަތަރު ހާސް
އެއް ލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ.
ނ. ވަނަ ބަޔާންކުރާ އަދަދު ލިޔާއިރު އަދަދުގެ ވަނައާ ގުޅުވައިގެން ލިޔުން
މިސާލު:
އެއްވަނަ، ފަސްވަނަ، ދިހަވަނަ، ބާރަވަނަ، ސަތޭކަވަނަ
މިސާލު:
ވިސްނުންފުޅު، ލޯފުޅު، ގަމީސްކޮޅު، ސައިފޮދު
މިސާލު:
ފެންފޮދު، ބަތްކޮޅު، ހިލަގަނޑު.
22 ޖުލައި 2013