اسم الكتاب: تلخيص العقيدة من كتاب الشريعة للآجري - (أبو بكر محمد بن الحسين بن عبد الله الآجري ت ٣٦٠هـ)
لخصه: مازع بن أبي عبد الله الأثري | الناشر: دار فتية الكهف - مالديف | الطبعة الأولى ١٤٤١ هـ - ٢٠١٩ م.
ފޮތުގެ ނަން: އާޖުއްރީގެ ޝަރީއަތް ފޮތުގެ އަގީދާގެ ޚުލާސާއެއް | (އަބޫ ބަކުރު މުޙައްމަދު ބިން އަލްޙުސައިން ބިން ޢަބްދު ﷲ އަލްއާޖުއްރީ 360 ހ.)
ޚުލާސާކުރީ: މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ | ޗާޕުކުރީ: ދާރު ފިތްޔަތިލް ކަހްފި | ފުރަތަމަ ޗާޕު 1441 ހ. - 2019 މ.
من سلسلة الرسائل العلمية لدار فتية الكهف
ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން
1
تلخيص العقيدة من كتاب الشريعة للآجري
للإمام المحدث أبي بكر محمد بن الحسين الآجري
المتوفى سنة ٣٦٠ هـ
އާޖުއްރީގެ ޝަރީޢަތް ފޮތުގެ ޢަޤީދާގެ ޚުލާޞާއެއް
އަލް އިމާމް އަބޫ ބަކުރު މުޙައްމަދު ބްނުލް ޙުސައިން އަލް އާޖުއްރީ رحمه الله
އަވަހާރަވީ (360 ހ.)
ޚުލާސާކޮށް އެކުލަވާލީ:
مازع بن أبي عبد الله الأثري
މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ
މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.
ފުރަތަމަ ޗާޕު
މުޙައްރަމް 1441ހ / ނޮވެމްބަރ 2019މ
دار فتية الكهف
ދާރު ފިތްޔަތިލް ކަހްފި
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
މުއައްލިފުގެ ކުރު ތަޢާރަފެއް
އެކަލޭގެފާނުއީ މުޙައްމަދު ބްނުލް ޙުސައިނު ބްނު ޢަބްދި الله އަލްއާޖުއްރީ އަލްބަޣްދާދީއެވެ. ކުންޔާއަކީ އަބޫބަކުރެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 280 ނުވަތަ 264 ހިސާބުގައި ބަޣްދާދުގައިއެވެ.
އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި އަބޫބަކުރު ޖަޢުފަރުލް ފިރްޔާބީއާއި، ސުނަނު އަބީދާވޫދު ލިޔުއްވި އިމާމު އަބޫ ދާވޫދުގެ ދަރިކަލުން އަބޫބަކުރު ޢަބްދު الله ބްނު އަބީ ދާވޫދާއި، ޢަބްދު الله ބްނު މުޙައްމަދު އަލްވާސިޠީއާއި، އަބޫ ޔަޢުޤޫބުލް އަންމާޠީއާއި، އަދިވެސް އެތަކެއް އިމާމުންނެއް ހިމެނިވަޑައިގަންނަވައެވެ.
އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އަބޫ ނުޢައިމުލް އަޞްބަހާނީއާއި، އިބްނު ބައްޠާ އާއި، އަބޫ މުޙައްމަދު ޢަބްދުއްރަޙްމާނު ބްނުއް ނައްޙާސްއާއި އަދިވެސް އެތަކެއް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި: ކިތާބުއް ޝަރީޢާ، އަޚްލާޤުލް ޢުލަމާ، އަޚްބާރު ޢުމަރު ބްނު ޢަބްދުލް ޢަޒީޒު، އަލްޣުރަބާ ހިމެނެއެވެ.
އެކަލޭގެފާނުގެ ޢިލްމުވެރިކަމުގެ މައްޗަށް އެތަކެއް ޢިލްމުވެރިންވަނީ ޘަނާ ކިޔުއްވާފައެވެ. އެގޮތުން އެކަލޭގެފާނުއީ ފިޤުހުވެރި، ޙާފިޡު، ޞާލިޙު، ސުންނަތުގެ އަހުލުވެރި އިމާމެއްކަމުގައި، އަދި ޒުހުދުވެރި އަޅުވެރި މުޙައްދިޘެއްކަމުގައި ޢިލްމުވެރިން ޞިފަކުރައްވާފައިވެއެވެ. އަދި އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގައި ޘާބިތުވެވަޑައިގެން ހުންނަވާ ނަޞްރުދެއްވި އިމާމެކެވެ.
އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 360 އަހަރުގައި މައްކާގައިއެވެ. الله ތަޢާލާ އެކަލޭގެފާނަށް ރަޙްމަތްލައްވާ ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވާށިއެވެ!
ފޮތުގެ ކުރު ތަޢާރަފެއް
މިއީ އިމާމް އަބޫބަކުރު އަލްއާޖުއްރީ رحمه الله ލިޔުއްވި، ސުންނަތް ޖަމާޢަތުގެ ޢަޤީދާ ބަޔާންކުރެވިގެންވާ ބޮޑު ފޮތެކެވެ. ފޮތުގެ ނަމަކީ ކިތާބުއް ޝަރީޢާއެވެ. މިފޮތުގައި އެކަލޭގެފާނުވަނީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގެ އަޞްލުތައް ބަޔާންކުރައްވާ އަދި އެކަމުގެ މައްޗަށްވާ އާޔަތްތަކާއި ޙަދީޘްތަކާއި، ސަނަދު ގުޅުއްވާ އެތަކެއް އިމާމުންގެ ބަސްފުޅުތައް ގެންނަވާފައެވެ. އަދި ހަމައެފަދައިން ސުންނަތުގެ ޢަޤީދާއާއި ޚިލާފުވި މަގުފުރެދިގެންވާ ބިދުޢަވެރި ފިރުޤާތަކުގެ ވާހަކަ ބަޔާންކުރައްވާ އެބައިމީހުންގެ މަގުފުރެދުން ޛިކުރުކުރައްވާ ދަލީލުތަކުން ރައްދުދެއްވިއެވެ.
މިފޮތް އެކުލެވިގެންވަނީ ޖުމްލަ 23 ޖުޒްއުގެ މައްޗަށެވެ. އަދި މިފޮތް ތަޙްޤީޤާއި އެކީ 6 މުޖައްލަދުގެ މައްޗަށް ދާރުލް ވަޠަނުން ޗާޕްކޮށްފައިވެއެވެ. އަހަރުމެން ޤަޞްދުކުރީ މިފޮތުގައި މުއައްލިފުގެ ގެންނަވާފައިވާ ޢަޤީދާގެ އަޞްލުތައް ޚުލާޞާކޮށް ގެނައުމަށެވެ. އެގޮތުން މުއައްލިފު ގެންނަވާފައިވާ ދަލީލުތަކާއި އިމާމުންގެ ބަސްފުޅުތައްވާނީ އުނިކުރެވިފައިއެވެ. އަދި އަހަރުމެން ހަމައެކަނި ގެނައީ ދަލީލުތަކުގެ މައްޗަށް މުއައްލިފު ވާހަކަދައްކަވާ ޝަރަޙަކޮށް ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތަރްޖަމާއެވެ. އަދި ސިޔާޤުގެ ބޭނުންޖެހިއްޖެ ހިނދެއްގައި މެނުވީ ޢިބާރާތަށް ބަދަލެއް ގެނައުމެއް ނެތިއެވެ.
އުއްމީދަކީ ކުރިއަށް އޮތްތަނުގައި މިފޮތުގެ ފުރިހަމަ ތަރުޖަމާއެއް ނެރެވުމެވެ. ތައުފީޤުދެއްވުން އެދެނީ الله ގެ ޙަޟްރަތުންނެވެ.