اسم الكتاب: تفسير القرآن الكريم - لجعفر فائز
Name of the Book: Explanation of the Noble Quran by Jaufar Faiz - Dhivehi
ފޮތުގެ ނަން: ކީރިތި قرآن ގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު
(15/7/2021 މ. - 5/12/1442 ހ. - 60 އަހަރު) | ދެކުނުގެ / ސ. މީދޫ.
ޖަވާބުގެ ދިވެހި ތަފްސީރު އެޕްލިކޭޝަން އިން މި ތަރުޖަމާގެ ބައެއް ޕީޑީއެފްތައް ބެލޭނެއެވެ.
بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ
މުއައްލިފުގެ ތަޢާރަފެއް
اللهُ سُبحَانَهُ وَتَعَالَىއަށް ޙަމްދުކުރަމެވެ. އަދި ކައު އިތުރު ރަސޫލާ، مُحَمَّدُ ﷺގެ އަރިހަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި، އެ ރަސޫލާގެ އިތުރު އާލުންނާއި، މިތުރު ޞަޙާބީންނާއި، ޤިޔާމަތާ ހަމައަށް، އެ ރަސޫލާއާ ތަބާވާ އެންމެހައި މުސްލިމުން ޝާމިލުކުރަމެވެ.
މި ތަފްސީރުގެ މުޞައްނިފު އައްޝައިޚު ޖަޢުފަރު ފާއިޒު ޢަބްދުالله، އަޅުގަނޑު އެދުނު އެދުުމެއްގެ މަތީން މާލެ ވަޑައިގެން މި ތަފްސީރުގެ މަސައްކަތް ފައްޓަވައި ދެއްވީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މަސައްކަތުގައި މެދުކެނޑުމެއް ނެތި، 9 އަހަރު އުޅުއްވުމަށް ފަހު، މި ފަނާވެދަނިވި ދުނިޔެ ދޫކުރެއްވީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި، ކީރިތި ޤުރްއާނުގެ 1، 2، 3، 4، 5، 6، 7، 10، 12، 13، 14، 15، 16، 17، 26، 27، 28، 29، 30، މި ނަވާރަ ފޮތުގެ ތަފްސީރު ވަނީ ސަބަބުއްނުޒޫލާ އެކު ލިޔުއްވާފައެވެ. އަދި 8، 9، 11، މި ތިން ފޮތުގެ ތަފްސީރު ވަނީ ސަބަބުއްނުޒޫލާ ނުލާ ލިޔުއްވާފައެވެ. އަދި ނުނިމި އޮތީ 18، 19، 20، 21، 22، 23، 24، 25، މި އަށް ފޮތެވެ.
[ނޯޓު: 18 ވަނަ ފޮތުގެ ފުރަތަމަ ދެ ސޫރަތް ކަމުގައިވާ، މުއުމިނޫން އާއި ނޫރު ވެސް ވަނީ ލިޔުއްވާފައެވެ.]
އައްޝައިޚު ޖަޢުފަރު ފާއިޒު ޢަބްދުاللهއަކީ، މާތް އަޚުލާޤެއްގެ ވެރި، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވި ޢިލްމުވެރި ބޭފުޅެކެވެ. އަދި މުޅި އުމުރުގެ ބޮޑުބައި ހޭދަކުރެއްވީ މީސްތަކުންނަށް އިސްލާމްދީނުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށާއި، މަގުދެއްކެވުމަށް މަސައްކަތްކުރެއްވުމުގައެވެ. އައްޝައިޚު ޖަޢުފަރު ފާއިޒަކީ، ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކުރައްވައި، ގިނަ ދާއިރާތަކަކުން ތަމްރީނު ހޯއްދެވުމަށް ފަހު މުޖުތަމަޢަށް ޚިދުމަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
މި ގޮތުން މެޑިކަލް ޓެކްނޮލޮޖީއާއި މުވާސަލާތީ ސާމާނު ބެލެހެއްޓުމުގެ ދާއިރާއިން ތަމްރީނު ހޯއްދެވިއެވެ. އެއަށްފަހު، ސުޢޫދީ ޢަރަބިއްޔާގެ އިމާމު މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީއިން އިސްލާމިކް ޝަރީޢާ އެންޑް ލޯގެ ދާއިރާއިން އެލް.އެލް.ބީ. ޑިގްރީ ވަނީ ޙާޞިލުކުރައްވާފައެވެ. އަދި އެއަށްފަހު، ހަމަ އެ ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ ކޮމްޕެރަޓިވް ޖޫރިސްޕްރޫޑެންސްގެ ދާއިރާއިންނެވެ. އަދި އިނގިރޭސި، ޢަރަބި، އުރުދޫ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި ރަޝިޔާ ބަހުން ވާހަކަދައްކަވާން އެނގިވަޑައިގަންނަވައެވެ. އެހެންކަމުން، ގިނަ ބަޔަކާ މުޢާމަލާތުކުރައްވައި ދުނިޔެއަށް ހޭލުންތެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.
އަދި ސުޢޫދީ ޢަރަބިއްޔާގެ އެކިއެކި ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން އެ ޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ދަޢުވަތުގެ މަސައްކަތުގައި ކޯޑިނޭޓަރެއްގެ މަޤާމުގައި އަށް އަހަރު މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ކުރީގެ ސޯވިއެޓް ޔޫނިއަންގެ ވެރިރަށް މޮސްކޯގެ ހަޔަރ އިސްލާމިކް ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ ގޮތުގައި ހަ އަހަރު ދުވަހު މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި މީގެ އިތުރުން ޕާކިސްތާނުގެ އަބޫބަކުރު ޔުނިވަރސިޓީގެ ކޮލެޖް އޮފް ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަހު ޚިދުމަތްކުރައްވާފައި ވެއެވެ.
އައްޝައިޚު ޖަޢުފަރު ފާއިޒު ޢަބްދުالله ދުނިޔެ ދޫކުރެއްވިއިރު އަނބިކަބަލަކާއި ދެ އަންހެން ބޭފުޅުން އަދި އެއް ފިރިހެން ބޭފުޅަކު ތިއްބެވިއެވެ.
މި ތަފްސީރު ވިދާޅުވާ އެންމެހައި އަޚުންނާއި އުޚުތުންގެ އަރިހުން އަޅުގަނޑު އެދެނީ، اللهُގެ އޯގާވަންތަކަމާއި، ރަޙްމަތްވަންތަކަމުން، އައްޝައިޚު ޖަޢުފަރު ފާއިޒުގެ މި މަސައްކަތުގައި ބަރަކާތްލައްވައި، އައްޝައިޚު ޖަޢުފަރު ފާއިޒު ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި
ދުޢާކޮށްދެއްވުމެވެ. އާމީން!
އިސްމާޢީލު ޝަރީފު މުޙައްމަދު ގ. އަލިރެސް މާލެ
بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ
އިސްބަސް
إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوْذُ بِاللهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ، وَأَشْهَدُ أَنْ لَّا إِلٰهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَبَعْدُ.
ހަމަކަށަވަރުން، އެންމެހައި ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ، اللهُ سُبحَانَهُ وَتَعَالَىއަށެވެ. އަޅަމެން ޙަމްދުކުރަނީ، ހަމައެކަނި، އެ إِلٰهއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި، އެ إِلٰهގެ ޙަޟްރަތުންނެވެ. އަދި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ވެސް، ހަމައެކަނި، އެ إِلٰهއަށެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމާއި ޢަމަލުތަކުގެ ނުބައިކަމުން، އަޅަމެން ރައްކައުތެރިކޮށްދެއްވައި ސަލާމަތްކޮށްދެއްވުން އެދި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދަންނަވަމެވެ. اللهُ سُبحَانَهُ وَتَعَالَى، އެ މީހަކަށް ތެދުމަގުދައްކަވައިފި މީހަކު މަގުފުރެއްދޭނޭ މީހަކު، އަދި، އެ إِلٰهُ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކައިދެވޭނޭ ހަމަ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. اللهُ سُبحَانَهُ وَتَعَالَى ފިޔަވައި، އެ ފަރާތަކަށް އަޅުކަންކުރުން ޙައްޤުވެގެންވާ އެއްވެސް އެހެން ފަރާތެއް ނުވާކަމަށް އަޅު ހެކިވަމެވެ. اللهُ سُبحَانَهُ وَتَعَالَىއީ، އެއްކައުވަންތަ إِلٰهއެވެ. އެ إِلٰهއަށް އެއްވެސް ބައިވެރިއަކު އަދި ޝަރީކަކު ނުވެއެވެ. އަދި ހަމަކަށަވަރުން، مُحَمَّدُ ﷺއީ، اللهُ سُبحَانَهُ وَتَعَالَىގެ އަޅާ ކަމަށާއި، ރަސޫލާކަމަށް އަޅު ހެކިވަމެވެ.
އެއަށް ފަހު ދަންނާށެވެ! ހަމަކަށަވަރުން، ދުނިޔޭގެ އެންމެން ވެސް މި ވޭތުކުރަމުންދާ ދުވަސްވަރަކީ، ފިތުނައިން ފުރިގެންވާ ދުވަސްވަރެކެވެ. ކަން މިހެން ހުރުމާ އެކު، އެ ފިތުނަތަކުން ސަލާމަތްވެވޭނީ، ކީރިތި ޤުރްއާނުގައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. އެހެނީ، ކުރީގެ މީހުންގެ ޚަބަރުތަކާއި ފަހުގެ މީހުންގެ ޚަބަރުތައް އެ ފޮތުގައި ވެއެވެ.
އަދި މީސްތަކުންގެ މެދުގައި ޙުކުމުކުރާންވީ ގޮތުގެ ތަފްޞީލުތައް އެ ފޮތުގައި ވޭމެއެވެ. އެ ފޮތުގައި ވަނީ، ސީދާވެގެންވާ ނިޔާއެވެ. އެ ފޮތުގައި ވަނީ، އެއްގޮތަކަށް ވެސް ތޯތޯ ވާހަކަތަކެއް ނޫނެވެ. އެ ފޮތުގައިވާ ގޮތަށް ނޫޅެ، އެ ފޮތަށް ފުރަގަސްދީ ބޮޑާވެ، އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރުމަށް އިންކާރުކޮށްފި މީހާ ދަންނާށެވެ! ފަހެ، اللهُ سُبحَانَهُ وَتَعَالَى އިރާދަކުރެއްވި ކޮންމެ ގޮތަކަށް އެ މީހަކު ހިއްޕަވައި، އެ މީހާގެ އެ ޢަމަލާ އެކަށޭނަ ޢުޤޫބާތް، އެ މީހަކަށް، އެ إِلٰهُ ދެއްވާނެތެވެ. އަދި އެ ފޮތް ނޫން އެހެން އެއްޗަކުން، ތިމާގެ ދީން ހޯދާން އެދޭ މީހާ މަގުފުރައްދަވާނެތެވެ. އެ ފޮތަކީ، اللهُ سُبحَانَهُ وَتَعَالَىގެ އަޅުތަކުން، އެ إِلٰهއާ ގުޅުވައިދޭ އެންމެ ގަދަފަދަ ވައުފަށެވެ. އެއީ، އެންމެ ޙިކްމަތްތެރި ޛިކްރެވެ. އެ ފޮތުގައި ވަނީ އެންމެ ސީދާ ތެދުމަގެވެ. ވުމާއެކު، ތިމާގެ ނަފްސުގެ އެދުންތައް އެ ފޮތުގައިވާ ގޮތާ އެއްގޮތްވެއްޖެ މީހާ ސީދާމަގުން ހިނގައިފިއެވެ.
ޝައްކެއްނެތެވެ. އެ ފޮތަކީ ދޫތަކަށް އޮޅޭނޭ ފޮތެއް ނޫނެވެ. އަދި ކަނޑު އެއީ ލިޔާން ބޭނުންކުރާ ދެލި ކަމުގައި ވެފައި، އެއިގެ ތެރެއަށް އަދި އެ ފަދަ އެހެން ކަނޑެއް އިތުރުކުރެވުނު ކަމުގައި ވިއަސް އެ ފޮތުގައިވާ ޢިލްމު ލިޔެ ހުސްވުމަކީ، ފަހަރެއްގައި ވެސް ވާނޭ ކަމެއް ނޫނެވެ. އަދި އެ ފޮތް ކިޔަވައި ދަސްކޮށް، އެ ފޮތުގައިވާ ޢިލްމު އުނގެނޭ މީހުންގެ ގިނަކަމުން، އެ ފޮތަށް ބާކަމެއް ނާންނަހުއްޓެވެ. އަދި އެ ފޮތުގައިވާ އަޖައިބުތަކާއި މުޢުޖިޒާތްތައް ދުވަހަކު ވެސް ހުސްނުވާނެއެވެ. އެ ޤުރްއާން ކިޔެވޭ އަޑުއިވުމުން، ހަމަކަށަވަރުން ވެސް، އަޖައިބުތަކުން ފުރިގެންވާ ޤުރްއާނެއްގެ އަޑު ތިމަންމެންނަށް އިވިއްޖެއެވެ. މި ފަދައިން ޖިންނީން ބުނެ، އެ ފޮތަށް އީމާންވެ، އެ ފޮތް މަގުދައްކައިދެނީ ޙައްޤު ތެދުމަގަށް ކަމުގައި، އެ ޖިންނީން ބުނި ފޮތެވެ. އެހެންކަމުން، ކީރިތި ޤުރްއާން އުނގެނި، އުނގަންނައިދީ އަދި ޤުރްއާން ކިޔެވުމުން ލިބޭ މާތްކަމާއި މަތިވެރިކަން ލިބިގަތުމަކީ، ކޮންމެ މުސްލިމަކުމެ ކޮންމެހެން ވެސް ކުރާންޖެހޭނޭ ކަމެކެވެ.
ކަން މިހެން ހުރުމާއެކު، ކީރިތި ޤުރްއާނުގެ ކުރު ތަފްސީރެއް ދިވެހި އަޚުންނާއި އުޚްތުންގެ އަރިހަށް ގެނެސްދެމެވެ.
ޝައްކެއްނެތެވެ. ކިތަންމެ ކުރުކޮށް ނަމަވެސް، ކީރިތި ޤުރްއާނުގެ ތަފްސީރެއް ލިޔުމަކީ ނުހަނު ބުރަ އަދި އެހައިމެ ދިގު މަސައްކަތެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، މި މަސައްކަތް ނިމުމަކަށް ދާނދެން މި މަސައްކަތުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވައި، މި މަސައްކަތަކީ، اللهُ سُبحَانَهُ وَتَعَالَى ޤަބޫލުކުރައްވަނިވި މަސައްކަތެއް ކަމުގައި ލެއްވުމުވެ. އަދި ހުރިހައި ރޮނގަކުން ވެސް މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހައި ފަރާތްތަކަށާއި، އަޅުގަނޑަށް ކުރެވިފައިވާ ކުށްފާފަތައް ފުއްސަވައިދެއްވަނިވި ސަބަބެއް ކަމުގައްޔާއި، އަޅުގަނޑުމެން އެންމެންނަށް ރަޙްމަތްލައްވައި ސުވަރުގެ ވައްދަވަނިވި ވަސީލަތެއްކަމުގައި، އަޅުގަނޑުމެންގެ މި މަސައްކަތް، اللهُ سُبحَانَهُ وَتَعَالَى ލެއްވުމެވެ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ ދުޢާއަކީ، މި ތަފްސީރު ވިދާޅުވާ ހުރިހައި ދިވެހި އަޚުންނާއި އުޚްތުންނަށް
މި ތަފްސީރުން ފައިދާ ޙާޞިލުކުރެއްވޭނޭ މަގު ފަހިކޮށްދެއްވައި، މީސްތަކުންނަށް ޓަކައި، اللهُ سُبحَانَهُ وَتَعَالَى ރުއްސެވި އިސްލާމް ދީނުގައިވާ ގޮތަށް އުޅުއްވުމުގެ ހެޔޮ ތައުފީޤު، އެންމެހައި ދިވެހި އަޚުންނާއި އުޚްތުންނަށް، އެ إِلٰهُ މިންވަރުކޮށްދެއްވުމެވެ.
22 ޖުމާދަލްއޫލާ 1439
8 ފެބްރުއަރީ 2018
ޖަޢުފަރު ފާއިޒު
ޝުކްރުގެ ބަހެއް
اللهُ سُبحَانَهُ وَتَعَالَىއަށް ޙަމްދުކުރަމެވެ. އަދި ކައު އިތުރު ރަސޫލާ، مُحَمَّدُ ﷺގެ އަރިހަށް ޞަލަވާތާއި ސަލާމުގެ ގުލްދަސްތާތަކުން ވެދުންކުރަމެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި، އެ ރަސޫލާގެ އިތުރު އާލުންނާއި، މިތުރު ޞަޙާބީންނާއި، ޤިޔާމަތާ ހަމައަށް، އެ ރަސޫލާއާ ތަބާވާ އެންމެހައި މުސްލިމުން ޝާމިލުކުރަމެވެ.
ޝައްކެއްނެތެވެ. މީހުން ކޮށްދޭ ކަންކަމުގެ އަގުވަޒަންކޮށް އެބައިމީހުންނަށް ޝުކްރުގެ ބަސްތަކުން ވެދުންކުރުމަކީ ވެސް، اللهُ سُبحَانَهُ وَتَعَالَىއަށް ޝުކްރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. رَسُولُ اللهِ ﷺ ޙަދީޘުކުރައްވައިފައި ވެއެވެ. «لَا يَشْكُرُ اللهَ مَنْ لَّا يَشْكُرُ النَّاسَ» މާނައީ: ”މީސްތަކުންނަށް ޝުކްރުނުކުރާ މީހާ، اللهُ سُبحَانَهُ وَتَعَالَىއަށް ޝުކްރުވެރިވީ ކަމުގައެއް ނުވެއެވެ.“ ކަން މިހެން ހުރުމާއެކު، ސޯޅަވަނަ ފޮތުގެ ތަފްސީރު ލިޔެ ނިންމުމުގެ ތައުފީޤު ދެއްވިކަމަށް ޓަކައި، اللهُ سُبحَانَهُ وَتَعَالَىއަށް ޝުކްރުދަންނަވަމެވެ. އެއަށްފަހު، ޚާއްޞަ ޝުކްރެއް ދަންނަވަނީ، މި މަސައްކަތްކުރުމުގެ ހުރިހައި މަގުތަކެއް އަޅުގަނޑަށް ތަނަވަސްކޮށްދެއްވި، الْأَخُ إِسْمَاعِيلُ شَرِيفُ مُحَمَّدއަށެވެ. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހައި ބޭފުޅުން ވެސް އެ ޝުކްރުގައި ޝާމިލުކުރަމެވެ.
އަޅުގަނޑުގެ ދުޢާއަކީ، މި މަސައްކަތްކުރުމުގެ ހުރިހައި މަގުތަކެއް އަޅުގަނޑަށް ތަނަވަސްކޮށްދެއްވި الْأَخُ إِسْمَاعِيلُ شَرِيفُ مُحَمَّدُގެ ކިބައިންނާއި އަޅުގަނޑުގެ ކިބައިން، اللهُ سُبحَانَهُ وَتَعَالَى މި މަސައްކަތް ޤަބޫލުކުރައްވައި، މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހައި ފަރާތެއްގެ ޢަމަލު ވެސް، އެ إِلٰهُ ޤަބޫލުކުރެއްވުމެވެ. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހައި ބޭފުޅުންނާއި، އެ ބޭފުޅުންގެ މައިންބަފައިންނާއި، ޢާއިލާއާއި، ގާތްތިމާގެ ބޭފުޅުން ވެސް، މި މަސައްކަތުގެ ވަސީލަތުން، ނަރަކައިގެ ޢަޛާބުން ދިންނަވައި، އެ އެންމެ ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް، اللهُ سُبحَانَهُ وَتَعَالَى މިންވަރުކޮށްދެއްވުމެވެ.
އަދި، އަޅުގަނޑުގެ ދުޢާއަކީ، މި ތަފްސީރު ވިދާޅުވާ ހުރިހައި ދިވެހި އަޚުންނާއި އުޚްތުންނަށް، މި ތަފްސީރުން ފައިދާ ޙާޞިލުކުރެވޭނޭ މަގު ފަހިކޮށްދެއްވައި، މީސްތަކުންނަށް ޓަކައި، اللهُ سُبحَانَهُ وَتَعَالَى ރުއްސެވި އިސްލާމް ދީނުގައި، އެ إِلٰهُ އަންގަވައިފައިވާ ގޮތަށް އުޅުއްވުމުގެ ހެޔޮ ތައުފީޤު އެންމެހައި ދިވެހި އަޚުންނާއި އުޚްތުންނަށް، އެ إِلٰهُ މިންވަރުކޮށްދެއްވުމެވެ.
ޖަޢުފަރު ފާއިޒު
بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ
ތަފްސީރުގެ މުޤައްދިމާ
إنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوْذُ بِاللهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ، وَأَشْهَدُ أَنْ لَّا إِلٰهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَبَعْدُ.
އެންމެހައި ޙަމްދުޘަނާއާއި ތަޢުރީފު ދަންނަވަނީ، އަޅުތަކުންނަށް ހެޔޮކަންތައްތައް ކުރުމުގެ ތައުފީޤުދެއްވައި، އެ ކަންކަމަށް މަގު ފަހިކޮށްދެއްވާ ދީލަތިވަންތަ އޯގާވަންތަ اللهُ سُبحَانَهُ وَتَعَالَىއަށެވެ. ޞަލަވާތާއި ސަލާމުގެ ރަންހާރުތައް އަރިސްކުރަނީ، ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ސާހިބާ، އަޅަމެންގެ ނަބިއްޔާ مُحَمَّدُ ﷺއާއި، އެ ނަބިއްޔާގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ހަމަޔަށް، އެ ނަބިއްޔާއާ ތަބާވީހައި ބަޔަކަށެވެ.
ކީރިތި މޫރިތި ޤުރްއާނަކީ އިންސީންނާއި ޖިންނީންނަށް ތެދުމަގު ބަޔާންކޮށްދެއްވުމަށް، اللهُ سُبحَانَهُ وَتَعَالَى ބާވައިލެއްވި އެންމެ ފަހުގެ ސަމާވީ ފޮތެވެ. އެ ފޮތުގައިވާ ވާހަކަތަކާމެދު ވިސްނައި ފިކުރުކޮށް، ޙައްޤާއި ބާޠިލު ވަކިކޮށް ދެނެގަތުމަކީ ނުހަނު ފަސޭހަކަމެއް ކަމުގައި، އެ إِلٰهُ ލެއްވިއެވެ. މި ކަމަށް އިޝާރާތްކުރައްވައި، އެ إِلٰهُ ވަޙީކުރެއްވިއެވެ. ( وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ) [سُورَةُ الْقَمَرِ اَلْآيَة: 17] މާނައީ: ”އަދި ހަމަކަށަވަރުން، ތިމަން إِلٰهُ ވަނީ، ކީރިތި ޤުރްއާން ދަސްކޮށް، އެ ފޮތުގައިވާ ވާހަކަތައް ވިސްނައިގަތުން ނުހަނު ފަސޭހަކޮށްދެއްވައިފައެވެ. ފަހެ، އެ ފޮތުގައިވާ ވާހަކަތަކުން ނަސޭހަތްލިބިގަންނަ މީހަކު އެބަވޭހެއްޔެވެ؟“ އަދި އަޅުގަނޑުމެންގެ މާތް ނަބިއްޔާ مُحَمَّد ﷺ ޙަދީޘުކުރެއްވިއެވެ. «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» [صَحِيحُ الْـجَامِعِ لِلْإمَامِ الْبُخَارِي رَقْمُ الْحَدِيثِ 5027]
މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރްއާން އުނގެނި، އެ ޤުރްއާން އުނގަންނައިދޭ މީހާއެވެ.“ ވީމާ، އަޅުގަނޑު ވެސް އެ ހެޔޮކަން ލިބިގަތުމަށް ޓަކައި، الله سُبحَانَهُ وَتَعَالَىގެ ޙަޟްރަތުން ވާގިއެދި ހުރެ، އަޅުގަނޑު މި މަސައްކަތްކުރަނީ، ކީރިތި ޤުރްއާނުގެ ކުރު ތަފްސީރެއް ލިޔެވޭތޯއެވެ. އެ ގޮތުން، ދިވެހި އަޚުންނާއި އުޚްތުންގެ އަރިހަށް މި ގެނެސްދެނީ، ކީރިތި ޤުރްއާނުގެ ތަފްސީރު ވަރަށް ކުރުގޮތަކަށެވެ. މި ތަފްސީރު ލިޔެފައި ވަނީ، ޢަރަބި ބަހުން ލިޔެފައިވާ ބޮޑެތި ބައެއް ތަފްސީރުތަކާއި، ކުރު ބައެއް ތަފްސީރުތަކާއި، ދިވެހިބަހުން ލިޔެފައިވާ ތަފްސީރުތަކާއި، ތަރްޖަމާތައް ބަލައި، އެ ފޮތްތަކުގެ އަލީގައެވެ. މި ތަފްސީރު ލިޔުމުގައި ބަލައިފައިވާ ތަފްސީރު ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ.
1- އަލްއިމާމު ފަޚުރުއްދީނު އައްރާޒީގެ އައްތަފްސީރުލްކަބީރު
2- އަލްއިމާމު އަލްޤުރުޠުބީގެ އަލްޖާމިޢު ލި އަޙުކާމިލްޤުރްއާނި
3- އަލްއިމާމު އަލްބައިޟާވީގެ ތަފްސީރު
4- އަލްއިމާމު އިބުނު ކަޘީރުގެ ތަފްސީރުލްޤުރްއާނިލްޢަޡީމި
5- އަލްއިމާމު ޢަބްދުއްރަޙްމާނު އައްސަޢުދީގެ ތައިސީރުލްކަރީމިއްރަޙްމާނި
6- ޑރ. މުޙައްމަދު ސުލައިމާނުލްއަޝްޤަރުގެ ޒުބްދަތުއްތަފްސީރި
7- ޑރ. މުޙައްމަދު ޙިޖާޒީގެ އައްތަފްސީރުލްވާޟިޙު
8- އައްޝައިޚު މުޙައްމަދު ޢަލީ އައްޞާބޫނީގެ ޞަފްވަތުއްތަފާސީރި
9- އަލްއިމާމު އިބުނު ޖަރީރުއްޠަބަރީގެ ތަފްސީރު ޖާމިޢުލްބަޔާނި
10- އަލްއިމާމު މުޤާތިލު ބިން ސުލައިމާނުގެ ތަފްސީރު
11- އަލްއިމާމު އައްސުޔޫޠީގެ އައްދުއްރުލްމަންޘޫރު ފިއްތަފްސީރި ބިލްމައުޘޫރި
12- ޑޮކްޓަރ ޢާއިޟުލްޤަރުނީގެ އައްތަފްސީރުލްމުޔައްސަރު
13- ސުޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ނެރުއްވައިފައިވާ އައްތަފްސީރުލްމުޔައްސަރު
14- ސުޢޫދީ ޢަރަބިއްޔާގެ މަރުކަޒު ތަފްސީރި ލިއްދިރާސާތިލްޤުރްއާނިއްޔާއިން ނެރުއްވައިފައިވާ އަލްމުޚްތަޞަރު ފިއްތަފްސީރި
އަދި މި ތަފްސީރު ލިޔުމުގައި ބައެއް ޙަދީޘު ފޮތްތަކާއި، ތައުޙީދު ފޮތްތަކާއި، ޢުލޫމުލްޤުރްއާނިގެ ބައެއް ފޮތްތައް ބަލައިފައި ވެއެވެ. އަދި ހަމަ އެހެންމެ، ބަޔާންވެދިޔަ ފޮތްތަކުގެ އިތުރަށް، ދިވެހި ބަހުން ލިޔެފައިވާ ބައެއް ތަފްސީރު ފޮތްތަކާއި ތަރުޖަމާތައް ވެސް ބަލައިފައި ވެއެވެ. އޭގެ ތެރެއިން ބައެއް ފޮތްތަކަކީ:
1- ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމީލު ދީދީގެ އަލްބަޔާން
2- އައްޝައިޚު މަލިންގޭ ޙުސައިން ދީދީގެ ތަފްސީރު
3- އައްޝައިޚު އަބޫބަކުރު އިބްރާހީމު ލިޔުއްވި ތަފްސީރު
4- ރައީސުލް ޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާޙީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ ބެއްލެވުމުގެ ދަށުން 1395 / 1975 ވަނަ އަހަރު ނެރުއްވައިފައިވާ ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ.
5- ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން 2007 ވަނަ އަހަރު ޝާއިޢުކުރައްވައިފައިވާ އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ.
ދަންނާށެވެ! اللهُ سُبحَانَهُ وَتَعَالَى، ކީރިތި ޤުރްއާން ބާވައިލައްވައިފައި ވަނީ، މީސްތަކުން އެ ފޮތުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ. ކުރެވޭ އަޅުކަމެއްގެ ގޮތުން ކިޔަވައި އުޅުމަށް ޓަކައެވެ. އެ ފޮތުގައިވާ އާޔަތްތަކާމެދު ވިސްނައި ފިކުރުކޮށް، ޢިބުރަތް ލިބިގަތުމަށް ޓަކައެވެ. އެ ފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޓަކައެވެ.
އަދި ހިތުގެ ބަލިތަކަށާއި ހަށިގަނޑުގެ ބަލިތަކަށް، އެ ފޮތުން ޝިފާ ލިބިގަތުމަށް ޓަކައެވެ. އަދި ކީރިތި ޤުރްއާނަކީ، އިސްލާމް ދީނުގެ އަޞްލު މަޞްދަރެވެ. އެންމެހައި މީސްތަކުން ތަބާވާންޖެހޭ، އިލާހީ ޤާނޫނެވެ. އެ ފޮތުގައިވާ މަގުން އެއްކިބާވެ، އެ ފޮތަށް ފުރަގަސްދީފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެ މީހާ ދެ ދުނިޔެއިން ގެއްލި ދިޔައީއެވެ. ކަން މިހެން ހުރުމާ އެކު، ކީރިތި ޤުރްއާނަކީ ކޮބައިކަމާއި، އެ ފޮތުގެ މާތްކަމާއި، އެ ފޮތް އުނގެނި ދަސްކުރުމާ ގުޅޭ، ބައެއް އަދަބުތައް ތިރީގައި މި ބަޔާންކުރަނީއެވެ.
ކީރިތި ޤުރްއާން
ކީރިތި ޤުރްއާނަކީ، مُحَمَّدُ ﷺގެ މައްޗަށް، اللهُ سُبحَانَهُ وَتَعَالَى ބާވައިލެއްވި، އެ إِلٰهُގެ ކަލާމުފުޅެވެ. އަދި ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ވެސް، އެ ފޮތުގެ ބައެއް އާޔަތްތައް ކިޔަވައިގެން މެނުވީ، ނަމާދު ޞައްޙަނުވާ ފޮތެވެ. އަދި ނަމާދުން ބޭރުގައި ވެސް، އެ ފޮތް ކިޔެވުމުން ނުހަނު ބޮޑު ދަރުމައާއި ޘަވާބު ލިބެނިވި ފޮތެވެ. އަދި އެ ފޮތާ އެއްފަދަ ފޮތެއް، އެ ފޮތުގެ ކުރީން ވިއަސް އަދި ފަހުން ވިއަސް ބާވައި ނުލެއްވެއެވެ. ޝައްކެއްނެތެވެ. އެ ފޮތަކީ، އެންމެ ފަހުގެ ސަމާވީ ފޮތެވެ. އަދި އެ ފޮތަކީ، ޢަރަބި ބަހަށް އެންމެ ކުޅަދާނަ، އެންމެ ފަޞާޙާތްތެރި، އެންމެ ބަލާޣާތްތެރި މީހުން ކަމުގައިވި، ޤުރައިޝު ވަންހައިގެ މީހުން ވެސް، އެ ފޮތުގައިވާ ފަދަ އެންމެ އާޔަތެއްގެ މިންވަރު ވިއަސް ގެނެސްގަތުމަށް ނުކުޅެދުނު ފޮތެވެ. އަދި ކިއެއްތަ! އެ ޤުރްއާނަކީ، އެ ފޮތުގައިވާ ފަދަ އެންމެ ސޫރަތެއް ނުވަތަ އާޔަތެއް ވިއަސް ގެނައުމަށް އެންމެހައި އިންސީންނާއި ޖިންނީން އެއްތަނަކަށް އެއްވެ މަސައްކަތްކުރި ކަމުގައި ވިއަސް ނުގެނެވޭނޭ ފޮތެވެ. އެ ކަމުން އެނގެނީ، އެ ޤުރްއާނަކީ، مُحَمَّدُ ﷺ އަމިއްލަފުޅަށް ހައްދަވައިފައިވާ ފޮތެއް ނޫން ކަމެވެ.
އަދި އެއްވެސް އިންސާނެއް އަދި ޖިންނިއެއްގެ ގާތުން ވިއަސް، އެ ރަސޫލާ އުނގެނިވަޑައިގެންފައިވާ ފޮތެއް ނޫން ކަމެވެ. ވުމާއެކު، ޝައްކެއްނެތްގޮތުގައި އެ ފޮތުގައިވާ ވަޙީބަސްފުޅުތަކައިގެން، مُحَمَّدُ ﷺގެ އަރިހަށް ވަޑައިގެންނެވީ، ވަޙީގެ އަމާނާތްތެރިޔާއެވެ. އެއީ، جِبْرِيلُ عَلَيهِ السَّلَامُއެވެ.
އަދި ހަމަކަށަވަރުން، مُحَمَّدُ ﷺގެ ދޫފުޅުމަތީން، ކީރިތި ޤުރްއާނުގައިވާ އިލާހީ ބަސްފުޅުތައް މީސްތަކުންނާ ހަމައަށް އައިސްފައިވަނީ މުތަވާތިރު ގޮތުގައެވެ. މުތަވާތިރު ގޮތުގައި އައުމަކީ، ޢާންމު ގޮތެއްގައި ދޮގެއް ހެދުމުގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާ ފަދަ ގިނަ ޢަދަދެއްގެ ރާވީންގެ ފަރާތުން އެއްވެސް ތަފާތެއް ނެތި އެއްގޮތަކަށް ރިވާވެގެން އައުމެވެ. އެ ގޮތަށް އައިސްފައިވާ، ކީރިތި މޫރިތި އާޔަތްތައް އެއް ފޮތެއްގައި ޖަމާކުރެވުނެވެ. އެ ފޮތް ފެށެނީ سُورَةُ الْفَاتِحَةއިންނެވެ. ނިމެނީ سُورَةُ النَّاسِގެ ނިއަލަށެވެ. ވީމާ، ކީރިތި ޤުރްއާނަކީ، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުން ބާވައިލެއްވިގެންވާ އިތުރުކަމާއި މާތްކަން ބޮޑު ފޮތެއްކަމާ މެދަކު ކުޑަވެސް ޝައްކެއްނެތެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ދަރުމަ
مُحَمَّدُ ﷺ ޙަދީޘުކުރެއްވިއެވެ. «مَنْ قَرَأَ حَرْفًا مِنْ كِتَابِ الله فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا» މާނައީ: ”اللهُ سُبحَانَهُ وَتَعَالَىގެ ފޮތުން އެންމެ އަކުރެއް ކިޔެވި މީހާ ދަންނާށެވެ! ފަހެ، އޭނާ ކިޔެވި ކޮންމެ އަކުރަކަށް އޭނާއަށް ހެޔޮ ކަމެއް ވެއެވެ. އަދި އެ ހެޔޮ ކަން އޭގެ ދިހަ ގުނަ ފަދައެވެ.“ ابنُ رَجَب ﷺ ވިދާޅުވެފައި ވެއެވެ. ”ކޮންމެ ހެޔޮ ޢަމަލެއް ދިހަ ގުނައަށް އިތުރުވެގެންދާ ދިއުމަކީ، ހަމަ ކޮންމެ ޢަމަލަކަށް ވެސް އިތުރުވެގެންދާނޭ އިތުރުވުމެކެވެ. އެއީ، ވަކި ޢަމަލަކަށް ޚާއްޞަކަމެއް ނޫނެވެ.“ އަދި، اللهُ سُبحَانَهُ وَتَعَالَىގެ އަންނަނިވި ބަސްފުޅުން އެ ކަމަށް ދަލީލު ލިބެއެވެ.
(مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا) މާނައީ: ”ފަހެ، ހެޔޮ ކަމަކައިގެން، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތަށް ހިނގައްޖެ މީހަކަށް، އޭނާ އެ ކުރި ހެޔޮކަމުގެ ބަދަލު، ދިހަ ގުނައަށް، އެ إِلٰهُ އިތުރުކޮށްދެއްވާހުއްޓެވެ.“ އަދި ހެޔޮ ޢަމަލެއްގެ ދަރުމަ ދިހަ ގުނައަށްވުރެން އިތުރަށް ވެސް ދެއްވަވައިފާނެތެވެ. އެއީ، اللهُ سُبحَانَهُ وَتَعَالَى އެ އަޅަކަށް އިތުރުކޮށްދެއްވުމަށް އިރާދަކުރެއްވި އަޅަކަށެވެ. އަދި ހެޔޮ ކަމެއްގެ ޘަވާބު ހަތް ސަތޭކަ ގުނައަށް ނުވަތަ އެއަށްވުރެން ވެސް ބޮޑަށް އިތުރުވެގެން ހިނގައިދާނެތެވެ.
ޝައްކެއްނެތެވެ. ހެޔޮ ކަންކަމަށް ދެއްވާ ދަރުމަ އެ ގޮތަށް އިތުރުވެގެން ދަނީ، اللهُ سُبحَانَهُ وَتَعَالَىގެ ފަޟްލުވަންތަވެރިކަމުންނެވެ. ދެން އެއަށްފަހު، އަޅާގެ ހިތުގެ ޚުޝޫޢަތްތެރިކަމާއި، އެ ކިޔަވާ އެއްޗެއް ތަދައްބުރުކޮށް ވިސްނައި އަދި އެ ކިޔަވާ އެއްޗެއް ފަހްމުވޭތޯ މަސައްކަތްކުރުން ފަދަ ކަންކަމުންނެވެ. އަދި އެ ކިޔެވުމުގައި އިޚްލާޞްތެރިކަންހުރި މިންވަރަކުންނެވެ. އަދި ސުންނަތާ އެއްގޮތަށް އެ ޢަމަލެއް ބެހެއްޓުނު މިންވަރެއްގެ ނިސްބަތުން ވެސް މެއެވެ.
ޤުރްއާން ކިޔެވުމަށާއި ކިޔަވައިދިނުމަށް ޓަކައި، ޖަމާވާ މީހުންނަށް ހުރި ދަރުމަ
رَسُولُ الله ﷺ ޙަދީޘުކުރެއްވިއެވެ. «مَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ تَعَالَى يَتْلُونَ كِتَابَ اللهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمْ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ» މާނައީ: ”اللهُ سُبحَانَهُ وَتَعَالَىގެ ފޮތް ކިޔަވައި، އެ ފޮތުގައިވާ ވާހަކަތައް އުނގެނި ދަސްކޮށް، އަނެކުންނަށް އުނގަންނައިދިނުމަށް ޓަކައި، اللهُ سُبحَانَهُ وَتَعَالَىގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި ބަޔަކު ޖަމާވެއްޖެ ނަމަ، ފަހެ، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުން، އުފައުވެރިކަމާއި ހިތްހަމަޖެހުން، އެ ބަޔެއްގެ މައްޗަށް ބާވައިލައްވައެވެ. އަދި ހުރިހައި ފަރާތަކުންމެ، އެ إِلٰهُގެ ރަޙްމަތް އައިސް އެބައިމީހުން ނިވައިކުރެތެވެ. އަދި މަލާއިކަތުން ވަޑައިގަންނަވައި، އެބައިމީހުން ވަށައިލައްވައިގެން ތިއްބަވަތެވެ. އަދި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ތިއްބަވާ ކުޑަތާ މަލާއިކަތުންގެ އަރިހުގައި، އެބައިމީހުންގެ ވާހަކަ، އެ إِلٰهُ ބަޔާންކުރައްވަތެވެ.“
ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދަރުމަ
رَسُولُ اللهِ ﷺ ޙަދީޘުކުރެއްވިއެވެ. «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ކީރިތި ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހާއެވެ.“ އަދި ވެސް ޙަދީޘުކުރެއްވިއެވެ. «مَنْ عَلَّمَ آيَةً مِنْ كِتَابِ اللهِ عَزَّ وَجَلَّ، كَانَ لَهُ ثَوَابُهَا مَا تُلِيَتْ» މާނައީ: ”اللهُ سُبحَانَهُ وَتَعَالَىގެ ފޮތުން އާޔަތެއްގެ މިންވަރު ވެސް އުނގަންނައިދީފި މީހަކަށް، އެ އާޔަތް ކިޔެވޭހައި ހިނދަކު އެ ކަމުގެ ޘަވާބުލިބިލިބިހުންނަހުއްޓެވެ.“
ކީރިތި ޤުރްއާން އުނގެނުމާއި، ހިތުދަސްކުރުމާއި، ރަނގަޅަށް ކިޔެވުމުގެ މާތްކަން
رَسُولُ اللهِ ﷺ ޙަދީޘުކުރެއްވިއެވެ. «مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَمَثَلُ الَّذِي يَقْرَأُ القُرْآنَ وَهُوَ يَتَعَاهَدُهُ وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» މާނައީ: ”ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ފަހު، ރިވެތިކޮށް ތަރްތީލުކޮށް ކިޔަވާ މީހާ ވާނީ، މާތްކަމާއި، އިތުރުކަމާއި، ޠާހިރުކަން ބޮޑު، ލިއުއްވާ މަލާއިކަތުންގެ އަރިހުގައެވެ. އަދި ނުފަރިތަ މީހާ ކޮށަކޮށައިގެން ކިޔެވޭ ޙާލުގައި ވެސް، ފަރުވާތެރިކަމާއެކު ޤުރްއާން ކިޔަވާ ނަމަ އެ މީހާއަށް ދެ ދަރުމަހުއްޓެވެ.“ އަދިވެސް ޙަދީޘުކުރެއްވިއެވެ. «يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا»
މާނައީ: ”ޤުރްއާނުގެ އަހްލުވެރިޔާއަށް، ޤިޔާމަތް ދުވަހުން ނިދާއިއްވެވޭނެތެވެ. ޤުރްއާން ތަރްތީލުކޮށް ރިވެތިކޮށް، ދުނިޔެމަތީގައި ތިބާ ކިޔެވި ފަދައިން، މިއަދު ވެސް ޤުރްއާން ކިޔަވަމުން، ދަރަޖައަކަށް ފަހު ދަރަޖައެއް މައްޗަށް އަރަމުން ތިބާ ދާށެވެ! ފަހެ ހަމަކަށަވަރުން، ސުވަރުގޭގައި ތިބާގެ މަންޒިލަކީ، އެންމެ ފަހުން ތިބާ ކިޔަވާ އާޔަތް ކިޔަވައި ނިމޭއިރު ތިބާއަށް ދެވޭ ހިސާބެކެވެ.“
الْخَطَّابِي ﷺ ވިދާޅުވިއެވެ. ”އަޞްޙާބުންގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގައި ވެއެވެ. ޤުރްއާނުގެ އަކުރުތަކުގެ ޢަދަދު ހުރީ ސުވަރުގޭގެ ދަރަޖަތަކުގެ ޢަދަދަށެވެ. ފަހެ، ޤުރްއާން ކިޔަވާ މީހާއަށް، ޤިޔާމަތް ދުވަހުން ނިދާއިއްވެވޭނެތެވެ. ސުވަރުގޭގެ ދަރަޖަތަކުން ތިބާ މައްޗަށް އަރާށެވެ! އެއީ، ޤުރްއާނުގެ އާޔަތްތައް ތިބާއަށް ކިޔެވޭ މިންވަރަކަށެވެ. ފަހެ، މުޅި ޤުރްއާން އެކަށް ކިޔަވައި ނިންމައިފި މީހާ ދަންނާށެވެ! ފަހެ، ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އޭނާ ވާޞިލުވެއްޖެއެވެ. އަދި ޤުރްއާނުން ބައެއް ކިޔަވައިފި މީހާ ދަންނާށެވެ! ފަހެ، އޭނާއަށް އެ ކިޔެވުނު މިންވަރަކަށް، އޭނާ ސުވަރުގެއިން ދަރަޖަ ހޯދައިފިއެވެ. ދެން، އޭނާއަށް ލިބޭ ޘަވާބު ވެސް ނިމޭނީ، އެންމެ ފަހުން އޭނާއަށް ކިޔެވޭ އާޔަތެއް ކިޔަވައި ނިމޭ ހިސާބުންނެވެ.“
ދަރިއަކު ޤުރްއާން އުނގެނުމުން، މައިންބަފައިންނަށް ހުރި ދަރުމަ
رَسُولُ اللهِ ﷺ ޙަދީޘުކުރެއްވިއެވެ. «مَنْ قَرَأَ القُرْآنَ وَتَعَلَّمَهُ وَعَمِلَ بِهِ أُلْبِسَ وَالِدَاهُ يَوْمَ الْقِيَامَةِ تَاجًا مِنْ نُوْرٍ ضَوْؤُهُ مِثْلُ ضَوْءِ الشَّمْسِ وَيُكْسَى وَالِدَاهُ حُلَّتَيْنِ لَا يَقُوْمُ لَهُمَا الدُّنْيَا، فَيَقُوْلَانِ: بِمَ كُسِيْنَا هَذِهِ؟ فَيُقَالُ بِأَخْذِ وَلَدِكُمَا الْقُرْآنَ» މާނައީ: ”ޤުރްއާން އުނގެނި ކިޔަވައި އަދި އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރި މީހާގެ މައިންބަފައިންގެ ބޮލުގައި، އިރުގެ އަލިކަން ފަދަ އަލި ގަދަ، ނޫރުންވާ ތާޖެއް، ޤިޔާމަތް ޤާއިމުވާ ދުވަހުން އެޅުއްވޭނެތެވެ. އަދި މުޅި ދުނިޔެ ވެސް، އެ ދެ ހެދުމުގެ އަގާ އަދި މޮޅުކަމާ އެއްވަރުނުވާ ފަދަ މޮޅު އަދި އަގު މާތް ދެ ހެދުން އޭނާގެ މައިންބަފައިންގެ ގައިގާ ލެއްވޭނެތެވެ. އެ ހިނދު، އެ ދެ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ގައިގާ މި ފަދަ އަގު މާތް ހެދުން ލެއްވުނީ ކީއްވެގެންތޯއެވެ؟ ދެން، އެ ދެ މީހުންނަށް އެންގެވޭނެތެވެ. އެއީ، ތިޔަ ދެ މީހުންގެ ދަރިފުޅު، ޤުރްއާން އުނގެނި އެ ޤުރްއާނުގައިވާ ގޮތަށް ޢަމަލުކުރުމުގެ ސަބަބުންނެވެ.“
އާޚިރަތް ދުވަހުން، ޤުރްއާނުގެ އަހްލުވެރިޔާއަށް ޤުރްއާން ޝަފާޢަތްތެރިވުން
رَسُولُ اللهِ ﷺ ޙަދީޘުކުރެއްވިއެވެ. «اقْرَءُوْا الْقُرْآنَ فَإنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيْعًا لِأَصْحَابِهِ» މާނައީ: ”ތިޔަބައިމީހުން ޤުރްއާންކިޔަވާށެވެ! އެހެނީ ހަމަކަށަވަރުން، ޤުރްއާނުގެ އަހްލުވެރީންނަށް ޝަފާޢަތްތެރިވުމަށް ޓަކައި، ޤިޔާމަތް ދުވަހުން، އެ ޤުރްއާން އަންނަހުއްޓެވެ.“ އަދި އެހެން ޙަދީޘެއްގައި ވެސް ވެއެވެ. «الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ...» މާނައީ: ”ރޯދައާއި ޤުރްއާން، ޤިޔާމަތް ދުވަހުން، އަޅާއަށް ޝަފާޢަތްތެރިވާނެތެވެ.“
ކީރިތި ޤުރްއާން ކިޔެވުމުގެ އަދަބުތައް
ކީރިތި ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ބައެއް އަދަބުތައް، رَسُولُ اللهِ ﷺ ބަޔާންކުރައްވައިފައި ވަނީ އަންނަނިވި ފަދައިންނެވެ. އެ އަދަބުތަކަކީ:
1- ބޮޑު ޙަދަޘާއި ކުޑަ ޙަދަޘުން ޠާހިރުވެގެންވާ ޙާލުގައި މެނުވީ، ކީރިތި ޤުރްއާން ނުކިޔެވުމާއި އެ ފޮތުގައި ނުބީހުން.
2- ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީން ދަތް އުނގުޅުން.
3- ރިވެތި ފޭރާން ލައިގެން އިނދެ ކިޔެވުން.
4- ޤިބްލައަށް ކުރިމަތިލައިގެން އިނދެ ކިޔެވުން.
5- އާފުރޭގޮތް ވާނަމަ ކިޔެވުން ހުއްޓައިލުން.
6- ކޮންމެހެން ދައްކާންޖެހޭ ވާހަކައެއް ދެއްކުމަށް މެނުވީ، ކިޔެވުން މެދުކަނޑައިލައި ވާހަކަ ނުދެއްކުން.
7- ކިޔެވޭ އާޔަތްތަކަށް ރަނގަޅަށް ވިސްނައިގެން އިނދެ ކިޔެވުން.
8- ވަޢުދުގެ އާޔަތެއް ކިޔެވޭ ނަމަ، އެ އާޔަތެއް ނިމުމުން ކިޔެވުން ހުއްޓައިލައި، އެ ވަޢުދުކުރެއްވި ކަމަކަށް އެދި ދެންނެވުން.
9- ވަޢީދުގެ އާޔަތެއް ކިޔެވޭ ނަމަ، އެ އާޔަތެއް ނިމުމުން ކިޔެވުން ހުއްޓައިލައި، އެ ވަޢީދު އައި ކަމަކުން ރައްކައުތެރިކޮށްދެއްވުމަށް އެދި ދުޢާކުރުން.
10- ނުކިޔަވާ ނަމަ ޚަތިމު ހުޅުވައިފައި ނުބޭއްވުން.
11- ޚަތިމުގެ މަތީގައި އެހެން އެއްވެސް އެއްޗެއް ނުބޭއްވުން.
12- އެއް ތަނެއްގައި ގިނަ ބަޔަކު ތިބެގެން ޤުރްއާން ކިޔަވާއިރު، އެކަކަށްވުރެން އަނެކަކު ބާރަށް ނުކިޔެވުން.
13- ބާޒާރުތަކުގައްޔާއި ވިޔާނުދާ ބޭކާރު ވާހަކަދެކެވޭ ތަންތަނުގައި ޤުރްއާން ނުކިޔެވުން.
ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީން އަޢޫޛުކިޔުން
ދަންނާށެވެ! ކީރިތި ޤުރްއާނަކީ، އެންމެހައި މީސްތަކުންނަށް ތެދުމަގުދައްކައި ދެނިވި ފޮތެވެ. އަދި ހިތްތަކުގައި އުފެދޭ ޝައްކުތަކާއި ޝުބްހަތަކުން ސަލާމަތްވެވޭނޭ ގޮތުގެ ޖަވާބު ލިބެނިވި ފޮތެވެ. އަދި ހަށިތަކުގައި އުފެދޭ ރޫޙާނީ ބަލިތަކާއި ޖިސްމާނީ ބަލިތަކަށް ޝިފާ ލިބެނިވި ފޮތް ވެސް މެއެވެ.
އަދި ޝައިޠާނާއަކީ، ހުރިހައި ނުބައި ކަމަކާއި ފުރެދުންތެރިކަމެއްގެ އެންމެ ބޮޑު ސަބަބު ކަމުގައި ވުމާ އެކު، މީހަކު ޤުރްއާން ކިޔަވަނީ ނަމަ، އެ ކަމަށް ހުރަސްއަޅައި، އެ ފޮތުގައިވާ ވާހަކަތަކާމެދު ވިސްނައި ފިކުރުކުރިއަނުދިނުމަށް ޓަކައި، ތަފާތު ވަސްވާސްތައް ވައްދައި، އެ ފޮތާ ދުރަށް އެ މީހާ ގެންދިއުމަށް މަސައްކަތްކުރުމަކީ ޝައިޠާނާގެ އެންމެ އިސް އެއް މަސައްކަތެވެ.
ކަން މިހެން ހުރުމާއެކު، ކޮންމެ މުސްލިމަކު ވެސް، ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީގައި، اللهُ سُبحَانَهُ وَتَعَالَىގެ ރަޙްމަތުން ބޭރުކުރެއްވި، ހުރިހައި ހެޔޮކަމަކުން ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުމަށް އެދި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދަންނަވައި، އެ إِلٰهُގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމަށް ޓަކައި އަޢޫޛުކިއުން ސުންނަތްވެގެންވެއެވެ. އެ ކަން އަންގަވައި، اللهُ سُبحَانَهُ وَتَعَالَى ވަޙީކުރެއްވިއެވެ. (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ) މާނައީ: ”ތިބާ ޤުރްއާން ކިޔަވަނީ ނަމަ، އަޢޫޛުކިއައި ޝައިޠާނާގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުން އެދި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދަންނަވައި، އެ إِلٰهُގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނާށެވެ!“
އަޢޫޛުކިޔާނޭ ގޮތް
އަޢޫޛުކިޔާނީ މި ބަޔާންކުރާ ފަދައިންނެވެ. «أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ» މާނައީ: ”اللهُ سُبحَانَهُ وَتَعَالَىގެ ރަޙްމަތުން ބޭރުކުރެއްވި ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދަންނަވައި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުން މި އަޅާ ރައްކައުތެރިކަމާއި ޙިމާޔަތް ލިބިގަންނަމެވެ. އެއީ، މި އަޅާގެ رَبُّ، اللهُ سُبحَانَهُ وَتَعَالَىއަށް ކިޔަމަންތެރިކަން އަދާކުރިއަ ނުދިނުމަށް ޓަކައި ވަސްވާސްދީ، ޤުރްއާން ކިޔެވުމަށާއި ހެޔޮ ޢަމަލުކުރުމަށް މި އަޅާއަށް ހުރަސް އަޅާ ޝައިޠާނާއެވެ.“
ދަންނާށެވެ! ކީރިތި ޤުރްއާން ކިޔަވާން ފަށައިގަންނައިރު އަޢޫޛުކިޔުމަކީ ސުންނަތެކެވެ. ނަމަވެސް، އަޢޫޛަކީ، ކީރިތި ޤުރްއާނުގެ އާޔަތެއް ނޫނެވެ. އަދި ހަމަ އެހެންމެ، ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދަންނަވާއިރު، ޖިންނީންނާއި އިންސީންގެ ތެރޭގައިވާ އެންމެހައި ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ނިޔަތް ގަންނަންވާނެއެވެ!
ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީގައި ބިސްމިކިއުން
ކޮންމެ ހެޔޮކަމެއް ކުރުމަށް ފަށައިގަންނައިރު ބިސްމިކިއުމަށް އިރްޝާދުދެއްވައި رَسُولُ اللهِ ﷺ ޙަދީޘުކުރެއްވިއެވެ. «كُلُّ أَمْرٍ ذِي بَالٍ لَا يُبْدَأُ فِيهِ بِبِسْمِ اللهِ الرَّحْمٰنِ الرَّحِيمِ؛ فَهُوَ أَبْتَرُ» މާނައީ: ”އެ ކަމެއްގެ ނަތީޖާ ރަނގަޅުވުމަށް އެދޭ ކޮންމެ ހެޔޮކަމެއް، ބިސްމީގެ ބަރަކާތުން ނުފެށޭ ނަމަ، އެ ކަމުގައި އެއްވެސް ބަރަކާތެއް ނުވެއެވެ.“
އަދި ހަމަ އެހެންމެ، ކޮންމެ ހެޔޮކަމެއް ކުރުމަށް ފަށައިގަންނަ ކޮންމެ ފަހަރަކު، اللهُ سُبحَانَهُ وَتَعَالَىގެ ނަންފުޅުން އެ ކަމެއް ފަށައިގަތުމަށް ޓަކައި، އަޢޫޛުކިޔައި ބިސްމިކިޔުމަކީ، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުން އައިސްފައިވާ އިލާހީ އިރްޝާދުފުޅެއް މެއެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: «أَوَّلُ مَا نَزَلَ جِبْرِيلُ عَلَى مُحَمَّدٍ قَالَ: يَا مُحَمَّدُ اسْتَعِذْ، قُلْ: أَسْتَعِيذُ بِالسَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ، ثُمَّ قَالَ: قُل: (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ)»
މާނައީ: اللهُ سُبحَانَهُ وَتَعَالَى އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ابْنُ عَبَّاس ވިދާޅުވިއެވެ. رَسُولُ اللهِ ﷺގެ އަރިހަށް، جِبْرِيلُ عَلَيهِ السَّلَامُ އެންމެ ފުރަތަމަ ފައިބައިވަޑައިގެންނެވި ފަހަރު ވިދާޅުވިއެވެ. އޭ ރަސޫލާއެވެ! ރައްކައުތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ވިދާޅުވާށެވެ! ”އެންމެހައި ހެޔޮކަމަކުން ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްވުމަށް ޓަކައި، ހުރިހައި އަޑުތަކެއް މޮޅަށް އައްސަވައިވޮޑިގެންވާ އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ إِلٰهُގެ ޙަޟްރަތުން މި އަޅާ ރައްކައުތެރިކަން ލިބިގަންނަމެވެ.“ އެއަށްފަހު، جِبْرِيلُ عَلَيهِ السَّلَامُ ވިދާޅުވިއެވެ. ވިދާޅުވާށެވެ! ”ރަޙުމާނުވަންތަ އަދި ރަޙީމުވަންތަ اللهُގެ އިސްމުފުޅުގެ ބަރަކާތުން އަޅު ފަށަމެވެ.“
ޝައްކެއްނެތެވެ. ކީރިތި ޤުރްއާން ކިޔެވުމަކީ، ނުހަނު ބޮޑު ހެޔޮ ކަމެކެވެ. އަދި ނުހަނު އިތުރުކަން ބޮޑު އަޅުކަމެއް ވެސް މެއެވެ. ވީމާ، ކީރިތި ޤުރްއާން ކިޔެވުމަށް ފަށައިގަންނަ ކޮންމެ ފަހަރަކުމެ، ބިސްމީގެ ބަރަކާތުން ފެށުމަކީ، އެ މީހެއްގެ އެ ކިޔެވުމުގައި، اللهُ سُبحَانَهُ وَتَعَالَى ބަރަކާތްލައްވާނޭ ކަމެކެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކުން ދުރުވެ ރައްކައުތެރިވެވި، ތިމާއާއި ޝައިޠާނާގެ ވަސްވާސްތަކާ ދެމެދު ހުރަސްއެޅޭނޭ ކަމެއް ވެސް މެއެވެ.
ބިސްމިކިޔާނޭ ގޮތް
ބިސްމިކިޔާނީ މިފަދައިންނެވެ. (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) މާނައީ: ”اللهُ سُبحَانَهُ وَتَعَالَىގެ އިސްމުފުޅުގެ ބަރަކާތުން ފަށަމެވެ. އެއީ، اللهُ سُبحَانَهُ وَتَعَالَىގެ ޙަޟްރަތުން ވާގިއެދިހުރެ، މި އަޅާ ކުރުމަށް މި ގަސްތުކުރާ ހެޔޮ ޢަމަލު ނިމުމަކަށް ދާނދެން އެ ކަމުގައި ދެމިހުރުމުގެ ތައުފީޤުދެއްވައި، މި ޢަމަލު ޤަބޫލުކުރެއްވުން އެދޭ ޙާލުގައެވެ. اللهُ سُبحَانَهُ وَتَعَالَىއީ، އެ إِلٰهއަށް ކިޔަމަންގަންނަ އަޅުންނަށާއި، ކިޔަމަންނުގަންނަ އަޅުންނަށާއި، އެންމެހައި ޚަލްޤުތަކުންނަށް ދުނިޔޭގައި ކުދިބޮޑު ނިޢުމަތްތައް ދެއްވާ ރަޙުމާނުވަންތަ إِلٰهއެވެ. އަދި ދުނިޔޭގައި އުޅުނުއިރު، އެ إِلٰهއަށް ކިޔަމަންގަތް އަޅުންނަށް، އާޚިރަތުގައި ނުހަނު އޯގާވަންތަ ރަޙީމުވަންތަ إِلٰهއެވެ.“
ކީރިތި ޤުރްއާން ކިޔަވާނޭ ގޮތް
1- ކީރިތި ޤުރްއާން ކިޔަވާއިރު ކިޔަވާނީ ވެސް، އަދި ނަމާދުގެ ތެރޭގައި ކިޔާ ޛިކްރުތަކާއި، އެ ނޫން ޛިކްރުތައް ކިޔާއިރު ވެސް ކިޔާނީ، އެންމެ ކުޑަ މިނުން، ތިމާގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށެވެ. އެހެނީ، ތިމާގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ކިޔެވުމުން މެނުވީ، ޤުރްއާން ކިޔެވި ކަމުގައެއް ނުވާނެއެވެ. އަދި ދުޢާތަކާއި ޛިކްރުތައް ވެސް ކިޔުނު ކަމުގައެއް ނުވާނެއެވެ. ނަމަވެސް، އެ ގޮތަށް ކިޔަވާއިރު އެހެން މީހުންނަށް އުނދަގޫވާ ވަރަށް ބާރަށް ކިޔަވައިގެން ނުވާނެއެވެ.
2- ޤުރްއާން ކިޔަވާއިރު މަޑުމައިތިރިކަމާއެކު ލަސްލަހުން ކިޔެވުން އެދެވިގެން ވެއެވެ. رَسُولُ اللهِ ﷺ ޤުރްއާން ކިޔަވައިވިދާޅުވި ގޮތާމެދު أَنَسُ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُއާ ސުވާލުވެވުމުން أَنَسُ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. «كَانَ يَمُدُّ مَدًّا، إِذَا قَرَأَ (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) يَمُدُّ بِبِسْمِ اللهِ، وَيَمُدُّ بِالرَّحْمٰنِ، وَيَمُدُّ بِالرَّحِيمِ» މާނައީ: ”رَسُولُ اللهِ ﷺ ޤުރްއާން ކިޔަވައިވިދާޅުވާއިރު، ދަންމަވައިލައްވަންވާ ތަންތަނަށް ދަންމަވައިލައްވާ ކަމުގައި ވިއެވެ. ވުމާއެކު، ބިސްމި ކިޔަވައިވިދާޅުވާ ނަމަ، بِسْمِ اللهِއަށް ދަންމަވައިލައްވައެވެ. އަދި الرَّحْمنއަށް ދަންމަވައިލައްވައެވެ. އަދި الرَّحِيْمއަށް ދަންމަވައިލައްވައެވެ.“
ޤުރްއާން ކިޔެވުމުން ލިބޭ ދަރުމަ އިތުރުވުން
ޤުރްއާން ކިޔަވާ މީހާގެ އިޚްލާޞްތެރިކަންހުރި މިންވަރަކަށް، اللهُ سُبحَانَهُ وَتَعَالَى އޭނާއަށް ދަރުމަ ދެއްވާ ހުއްޓެވެ. ހަމަ އެއާއެކު، ހިތް ޙާޟިރުކޮށް އަދި ކިޔެވޭ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުމާއެކު ކިޔަވާ ނަމަ، ކިޔެވުމުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވާނެއެވެ. އޭރުން، އަކުރަކަށް ލިބޭ، ދިހަ ހެޔޮކަން ހަތް ސަތޭކަ ގުނައަށް ވެސް އިތުރުވެދާނެއެވެ.
ޤުރްއާން ކިޔަވާނޭ މިންވަރު
رَسُولُ اللهِ ﷺގެ އަޞްޙާބުންކުރެ ކޮންމެ ޞަޙާބީއަކު ވެސް، އެ ޞަޙާބީއެއްގެ އަމިއްލަ ނަފްސުފުޅަށް ޓަކައި، ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް، ކޮންމެ ދުވަހަކު ވެސް ކިޔަވައި ވިދާޅުވާ ކަމުގައި ވިއެވެ. އަދި އެއިން އެއްވެސް ސަޙާބީއަކު، ހަތް ދުވަހަށްވުރެން އަވަހަށް ޚަތިމުކުރެއްވުން އާދަކުރައްވައިފައެއް ނުވެއެވެ. އަދި ތިން ދުވަހަށްވުރެން އަވަހަށް ޚަތިމުކުރުމަކީ، رَسُولُ اللهِ ﷺ ނަހީކުރައްވައިފައިވާ ކަމެއް ކަމުގައި ވާރިދުވެފައި ވެއެވެ.
ޚަތިމު ނުބަލައި ހިތުން ކިޔެވުން
ކީރިތި ޤުރްއާން ކިޔަވާއިރު، ޚަތިމު ބަލައިގެން ކިޔަވާ ވަރަށްވުރެން ބޮޑަށް، ޚަތިމު ނުބަލައި ހިތުން ކިޔަވާއިރު، އެ ކިޔެވޭ އެއްޗަކާމެދު ވިސްނައި ފިކުރުކޮށް ހިތްޙާޟިރުކުރެވޭ ނަމަ، އެންމެ މޮޅު އިތުރު ގޮތަކީ، ޚަތިމު ނުބަލައި ހިތުން ކިޔެވުމެވެ. އެހެން ނަމަވެސް، ޚަތިމު ނުބަލައި ހިތުން ކިޔެވުމާއި، ޚަތިމު ބަލައިގެން ކިޔެވުމާއި، މި ދެ ގޮތް އެއްފަދަ ނަމަ، މޮޅު އިތުރުވެގެން ވަނީ ޚަތިމު ބަލައިގެން ކިއެވުމެވެ.
ހެޔޮ ވަޞިއްޔަތެއް
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމުގައި، ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތެއް ހޭދަކުރެއްވޭތޯ ގަދައަޅުއްވައި މަސައްކަތްކުރައްވާށެވެ! އަދި ކޮންމެ ދުވަހަކު ވެސް، އެ ދުވަހަކު ކިޔަވައިވިދާޅުވާނޭ ވަކި މިންވަރެއް ކަނޑައަޅުއްވާށެވެ! އަދި ކޮންމެފަދަ ކަމެއް މެދުވެރި ވިއަސް އެ މިންވަރު ކިޔަވައިވިދާޅުނުވެ ދޫކޮށްނުލައްވާވޭތޯ ގަދައަޅުއްވައި މަސަކަތްކުރައްވާށެވެ!
އެހެނީ، ކިތަންމެ ގިނަ ޢަމަލުތަކެއް ކުރެވުނު ކަމުގައި ވިއަސް، މެދުކެނޑެމުން ދޭތެރެދޭތެރެއިން ކުރެވޭ ޢަމަލުތަކަކަށްވުރެން ހެޔޮކަން ބޮޑުވެފައި އިތުރުވެގެން ވަނީ، ކިތަންމެ މަދު ޢަމަލެއް ކުރެވުނު ކަމުގައި ވިއަސް، ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ. ވުމާއެކު، ކޮންމެ ދުވަހަކު ވެސް ކިޔަވައިވިދާޅުވާނޭ ވަކި މިންވަރެއް ކަނޑައަޅުއްވައިގެން ތިބާ ކިޔަވައިވިދާޅުވަމުން ގެންދަވަނިކޮށް، ހަނދުމަފުޅު ނެތިގެން ނުވަތަ އަވަހާރަފުޅުލެއްޕެވުމުގެ ސަބަބުން ނުވަތަ އެ ނޫން ސަބަބެއް ދިމާވެގެން ނަމަވެސް، އެ ދުވަހަށް ޓަކައި ކަނޑައަޅުއްވައިފައިވާ މިންވަރު ކިޔަވައިވިދާޅުވެ ފުރިހަމަ ނުކުރެއްވޭ ގޮތް މެދުވެރިވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހު އެ ބައި ފުރިހަމަކުރެއްވޭތޯ ގަދައަޅުއްވައި މަސައްކަތްކުރައްވާށެވެ!
رَسُولُ اللهِ ﷺ ޙަދީޘުކުރެއްވިއެވެ. «مَنْ نَامَ عَنْ حِزْبِهِ أَوْ عَنْ شَىْءٍ مِنْهُ فَقَرَأَهُ فِيمَا بَيْنَ صَلَاةِ الْفَجْرِ وَصَلَاةِ الظُّهْرِ كُتِبَ لَهُ كَأَنَّمَا قَرَأَهُ مِنَ اللَّيْلِ» މާނައީ: ”މީހަކު، ކޮންމެ ރެއަކު ޢާދަކޮށް، ޤުރްއާނުން ކިޔަވަމުންދާ މިންވަރު ނުވަތަ އެއިން ބައެއް ނުކިޔެވެނީސް ނިދިއްޖެ ނަމަ، އެ ނުކިޔެވި އޮތް މިންވަރު ފަތިސްނަމާދާއި، މެންދުރު ނަމާދާ ދެމެދު ކިޔަވައިފި ނަމަ، ފާއިތުވި ރޭ، އޭނާ އެ މިންވަރު ކިޔެވިފަދަ ކަމުގައި ލިއުއްވޭނެތެވެ.“
ވީމާ، ޤުރްއާން ކިޔެވުމުގައި ލުއިފަސޭހަކަންހުރީ މި ފަދައިން ކަމުގައި ވާއިރު، އެއްގޮތަކަށް ވެސް، ކީރިތި ޤުރްއާން ކިޔަވައިވިދާޅުނުވުން ނުވަތަ ތަޖްވީދުމަގުން ކިޔަވައިވިދާޅުނުވުން ނުވަތަ ކިޔަވައިވިދާޅުވާ އާޔަތްތަކާމެދު ވިސްނަވައި ފިކުރުނުކުރެއްވުން ފަދަ އެއްވެސް ކަމެއް ނުކުރައްވާށެވެ! ނުވަތަ އެ އާޔަތްތަކުގައިވާ ޙުކުމްތަކަށް ޢަމަލުނުކުރެއްވުން ކަމުގައި ވިއަސް، ނުވަތަ ކީރިތި ޤުރްއާނުން ޝިފާނުހޯއްދެވުން ކަމުގައި ވިއަސް، މި ފަދަ އެއްވެސް ކަމެއްކުރައްވާ، ކީރިތި ޤުރްއާން ދޫކޮށްލި މީހަކު ކަމުގައި އަދި ޤުރްއާނުގެ މަތީން ހަނދުމަނައްތައިލި މީހަކު ކަމުގައި އަދި ޤުރްއާނަށް ފުރަގަސްދިން މީހަކު ކަމުގައި، ތިބާ ވެވަޑައިނުގަންނަވާށެވެ!
فَنَسْأَلُ اللهَ أَنْ يُوَفِّقَنَا لِتَوْبَةٍ نَصُوحٍ وَأَنْ يَتَقَبَّلَ مِنَّا صَالِحَ الأَعْمَالِ وَأَنْ يَتَجَاوَزَ عَمَّا فِيهَا مِنْ نَقْصِ وَزَلَلٍ، وَأَنْ يَجْعَلَ خَيْرَ أَعْمَالِنَا خَوَاتِيمَهَا وَخَيْرَ أَيَّامَنَا يَوْمَ نَلْقَاهُ، وَنَسْأَلُ أَنْ يُقْسِمَ لَنَا مِنْ خَشْيَتِهِ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيهِ وَمِنْ طَاعَتِهِ مَا يُبَلِّغُنَا بِهِ جَنَّتَهُ وَأَنْ يَغْفِرَ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَأَنْ يُغْنِينَا بِحَلَالِهِ عَنْ حَرَامِهِ وَبِفَضْلِهِ عَمَّنْ سِوَاهُ وَأَنْ يَتَقَبَّلَ تَوْبَتَنَا وَيَغْسِلَ حَوْبَتَنَا إِنَّهُ سَمِيعٌ مُجِيبٌ وَصَلَّى اللهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
7 ރަބީޢުލް އާޚިރު 1438
5 ޖަނަވަރީ 2017
ޖަޢުފަރު ފާއިޒު
Translation json columns:
1. tafseer.
2. footnote.
The text is sourced righted here on Hadithmv.
The following text/symbols were replaced from the InDesign source in order to render correctly: