اسم الكتاب: أخلاق حملة القرآن (للآجري) - لأبي بكر محمد بن الحسين بن عبد الله الآجري (ت ٣٦٠هـ)
تحقيق: أحمد شحاته الألفي السكندري | الناشر: دار الصفا والمروة بالإسكندرية | الطبعة الأولى ١٤٢٦ هـ - ٢٠٠٥ م.
(الترقيم والترجمة الموجود في هذه الصفحة مبني على تحقيق عادل آل حمدان)

ފޮތުގެ ނަން: ޤުރްއާން އުފުލާ މީހުންގެ އަޚްލާޤު | ލިޔުނީ: އަބޫ ބަކުރު މުޙައްމަދު ބިން އަލްޙުސައިން ބިން ޢަބްދު ﷲ އަލްއާޖުއްރީ (360 ހ.)
ތަހްގީގުކުރީ: އަޙްމަދު ޝިޙާތަހ އަލްއަލްފީ އައްސަކަންދަރީ | ޗާޕު ކުރީ: ދާރުއް ޞަފާ ވަލް މަރްވާ، އިސްކަންދަރުގައި | ފުރަތަމަ ޗާޕު 1426 ހ. - 2005 މ.
(މި ސަފުހާގައިވާ މައި ނަމްބަރ ދިނުމާއި ދިވެހި ތަރުޖަމާ ބިނާވެފައި ވަނީ ޢާދިލު އާލްޙަމްދާނުގެ ތަހްގީގުގެ މައްޗަށެވެ.)

އަރަބި އީ-ފޮތް | ޕީޑީއެފް

ދާރު ފިތްޔަތިލް ކަހްފިގެ ދިވެހި ތަރުޖަމާގެ ޕީޑީއެފް


تحقيق عادل بن عبد الله آل حمدان ޕީޑީއެފް

تحقيق محمد عمرو عبد اللطيف އީ-ފޮތް | ޕީޑީއެފް

تحقيق أحمد بن العربي بن عبد السلام ޕީޑީއެފް

تحقيق غانم قَدُّوري الحَمَد ޕީޑީއެފް


مختصر أخلاق حملة القرآن - لخالد بن عثمان السبت އީ-ފޮތް | ޕީޑީއެފް

التبيان في شرح أخلاق حملة القرآن - لعبد الرزاق البدر ޕީޑީއެފް


ތަރުޖަމާގެ މުގައްދިމާ - المقدمة

من سلسلة الرسائل العلمية لدار فتية الكهف

ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން

6

أخلاق حملة القرآن

للإمام المحدث أبي بكر محمد بن الحسين الآجري

المتوفى سنة ٣٦٠ هـ

ޤުރްއާން އުފުލާ މީހުންގެ އަޚްލާޤު

އަލް އިމާމް އަބޫ ބަކުރު މުޙައްމަދު ބްނުލް ޙުސައިން އަލް އާޖުއްރީ رحمه الله

އަވަހާރަވީ (360 ހ.)

ތަރްޖަމާ ކުރީ:

مازع بن أبي عبد الله الأثري

މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ

މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.

ފުރަތަމަ ޗާޕު

ރަމަޟާން 1442ހ / އެޕްރީލް 2021މ

دار فتية الكهف

ދާރު ފިތްޔަތިލް ކަހްފި

https://t.me/DarAlFityah

YouthOfCaveDFK@gmail.com


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

މުއައްލިފުގެ ކުރު ތަޢާރަފެއް

އެކަލޭގެފާނުއީ: މުޙައްމަދު ބްނުލް ޙުސައިނު ބްނު ޢަބްދި اللَّهُ އަލްއާޖުއްރީ އަލްބަޣްދާދީއެވެ. ކުންޔާއަކީ އަބޫބަކުރެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 280 ނުވަތަ 264 ހިސާބުގައި ބަޣްދާދުގައިއެވެ.

އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި: އަބޫބަކުރު ޖަޢުފަރުލް ފިރްޔާބީއާއި، ސުނަނު އަބީދާވޫދު ލިޔުއްވި އިމާމު އަބޫ ދާވޫދުގެ ދަރިކަލުން އަބޫބަކުރު ޢަބްދު اللَّهُ ބްނު އަބީ ދާވޫދާއި، ޢަބްދު اللَّهُ ބްނު މުޙައްމަދު އަލްވާސިޠީއާއި، އަބޫ ޔަޢުޤޫބުލް އަންމާޠީއާއި، އަދިވެސް އެތަކެއް އިމާމުންނެއް ހިމެނިވަޑައިގަންނަވައެވެ.

އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި: އަބޫ ނުޢައިމުލް އަޞްބަހާނީއާއި، އިބްނު ބައްޠާ އާއި، އަބޫ މުޙައްމަދު ޢަބްދުއްރަޙްމާނު ބްނުއް ނައްޙާސްއާއި އަދިވެސް އެތަކެއް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި: ކިތާބުއް ޝަރީޢާ، އަޚްލާޤުލް ޢުލަމާ، އަޚްބާރު ޢުމަރު ބްނު ޢަބްދުލް ޢަޒީޒު، އަލްޣުރަބާ ހިމެނެއެވެ.

އެކަލޭގެފާނުގެ ޢިލްމުވެރިކަމުގެ މައްޗަށް އެތަކެއް ޢިލްމުވެރިންވަނީ ޘަނާ ކިޔުއްވާފައެވެ. އެގޮތުން އެކަލޭގެފާނުއީ ފިޤުހުވެރި، ޙާފިޡު، ޞާލިޙު، ސުންނަތުގެ އަހުލުވެރި އިމާމެއްކަމުގައި، އަދި ޒުހުދުވެރި އަޅުވެރި މުޙައްދިޘެއްކަމުގައި ޢިލްމުވެރިން ޞިފަކުރައްވާފައިވެއެވެ. އަދި އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގައި ޘާބިތުވެވަޑައިގެން ހުންނަވާ ނަޞްރުދެއްވި އިމާމެކެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 360 އަހަރުގައި މައްކާގައިއެވެ. اللَّهُ سُبْحَانَهُ وَتَعَالَى އެކަލޭގެފާނަށް ރަޙްމަތްލައްވާ ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވާށިއެވެ!


ފޮތުގެ ކުރިމަތީގައި...

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وبعد:

اللَّهُ سُبْحَانَهُ وَتَعَالَى އިންސާނުން ބިންމަތީގައި ލެއްވީއްސުރެ، ބޭކާރުގޮތެއްގައި ދާނޭދިމާލެއް ނޭނގި، އުޅޭނެގޮތެއް ނޭނގި، އެމީހަކު ބޭނުންގޮތަކަށް އުޅުމަށް މިނިވަންކަން ދެއްވާ ދޫކޮށްނުލައްވަތެވެ. އެގޮތުން ފެށުނީއްސުރެ، اللَّهُ سُبْحَانَهُ وَتَعَالَى އިންސާނުންގެ ތެރެއިން ބަޔަކު ހޮއްވަވާ ނަބިއްޔުންކަމުގައި ލައްވާ، ރިސާލަތުގެ ބަޔާން އެބޭކަލުންގެ ދޫފުޅުތަކުގެ މަތިން އިންސާނުންނަށް ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. އަދި އެކަލާނގެ ފޮތަކަށްފަހު ފޮތެއް ރަސޫލުންނަށް ބާވައިލައްވަމުން ދިޔައެވެ. އަދި އިންސާނުން މިބިންމަތީގައި ލެއްވުނު މަޤްޞަދުކަމުގައިވާ: اللَّهُ އަށް އަޅުދާސްތުވެ ކުރުނީސްވެ އަޅުކަން އަދާކުރާނޭގޮތް އެފަތްފުށްތަކުން، އަދި އެރަސޫލުންގެ ބަޔާންކުރެއްވުމުން ބަޔާންކުރެވެމުން ދިޔައެވެ. އެގޮތުން ކޮންމެ ޒަމާނަކުވެސް އެކަލާނގެ ފޮތް ބާވައިލައްވާ ރަސޫލުން ފޮނުއްވުމަށްފަހު މީސްތަކުންގެ ބަޔަކު އެއަށް އީމާންވެ، އެފޮތް ޙައްޤުގޮތުގައި ތިލާވަތުކުރެއެވެ. ދެން އެއަށްފަހު ޒަމާންތައް ފާއިތުވެ ދިގުލައި، ޖީލަކަށްފަހު ޖީލެއްދާވަރަކަށް މީސްތަކުންގެ ހިތްތައް ގައުވެ، ޙައްޤު މަގުން ކަސިޔާރުވެ، އެބައިމީހުންނަށް އިއްވިގެންވާ އަމުރުތަކާއި ނަހީތައް ނަގައިލާ، ދީނުގެ ތެރެއަށް އަލަށް ކަންކަން އުފައްދާ، ހަވާނަފްސުގެ އެދުންތަކަށް ލެނބިގެންދެއެވެ.

އެގޮތުން اللَّهُ سُبْحَانَهُ وَتَعَالَى މިދުނިޔެއަށް ބާވައިލެއްވި އެންމެ މާތް އަދި އެންމެ ފަހުގެ ފޮތްކަމުގައިވާ: ޤުރްއާންވެސްވަނީ އެފަދައިންނެވެ. އެގޮތުން އުއްމަތުގެ ކުރީކޮޅުގައި، ޤުރްއާން ބާވައިލެއްވުނު މަޤްޞަދަށް އެޤުރްއާން ނަގަހައްޓާ، ސީދާވެގެންވާ މަގުގައި އެޤުރްއާން ތިލާވަތުކުރާ ޙާލުގައިވިއެވެ. ދެން އެއަށްފަހު ޒަމާނަކަށްފަހު ޒަމާނެއް ފާއިތުވާ ވަރަކަށް ފިތުނަތައް ފާޅުވެ، މީސްތަކުން ދުނިޔޭގެ ދަޅަތަކަށް ލޯދިއްކޮށް، ދީނުގެ ތެރެއަށް އެތައް އާކަންތަކެއް އުފައްދާ ވައްދަމުން ދިޔައެވެ. އެގޮތުން އުއްމަތުގެ ކުރީކޮޅުގައި ޤުރްއާންވީ ނުހަނު ޤަދަރު އުފުލިގެންވާ، އަދި އޭގެ އަހުލުވެރިންވެސް ނުހަނު މާތްވެގެންވާ ބައެއްކަމުގައިއެވެ. އަދި ޤުރްއާނުގެ މަތިވެރި ޢިލްމު ޙާޞިލުކޮށް އޭގެ އަހުލުވެރިޔަކަށްވުމީ ކޮންމެކޮންމެ މީހަކަށް ޙާޞިލުވާނޭކަމެއް ނޫނެވެ. އެބޭކަލުން މިމަތިވެރި ޢިލްމު ފޯރުކޮށްދެއްވަނީ: އެކަމަށް އަހުލުވެރިވެ ޙައްޤުވެގެންވާ، އެޢިލްމު އުފުލުމަށް އޭނާގެ ނަފްސު ތައްޔާރުކޮށްގެންވާ، މަތިވެރި އަދަބު އަޚްލާޤުތަކުން އަދަބުވެރިވެގެންވާ މީހުންނަށެވެ. ދެންފަހެ ދުނިޔެ ހުޅުވިގެންގޮސް ޤުރްއާން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިގެންގޮސް، ކުޑަކުއްޖާއާއި، އަންހެނުންނާއި، ފިރިހެނުންނާއި، މުސްކުޅިންނާއި، ފަޤީރުންނާއި، މުއްސަނދިންނާއި އެކި ބާވަތްތަކުގެ މީހުން ޤުރްއާން ކިޔެވިއެވެ. އަދި ފަރުބަދައަކަށް ބާވައިލެއްވުނަސް އެފަރުބަދަ ބިރުން ކުދިކުދިވެގެންވާފަދަ މިމަތިވެރި މާތްފޮތް، އެފޮތް އުފުލުން އެކަށީގެންނުވާ ބަޔަކު އުފުލިއެވެ.

އެގޮތުން އެބައިމީހުންގެ ނަފްސުތައް ތަޤްވާވެރިކަމާއި، ވަރަޢަވެރިކަމާއި، ތަވާޟަޢުވެރިކަމުން ހުސްވެގެންވާ ބަޔަކު މިފޮތް ވާރުތަކުރިއެވެ. އެބައިމީހުން އެފޮތް ބޭނުންކުރީ ވެރިންނާއި، މުއްސަނދިންނާއި، ޝަރަފުވެރިންނާއި ފައިހަމަކުރުމަށްޓަކައިވާ ވަސީލަތެއްގެ ގޮތުގައިއެވެ. އަދި އެބައިމީހުން އެޤުރްއާން ބޭނުންކޮށްގެން ދުނިޔެ ހޯދަން އުޅުނެވެ. އެގޮތުން މިޒަމާނުގައި ވަސީލަތްތައް ކުރިއަރާގޮސް މިވަނީ ގޭގައި އެންމެ އެތެރޭގައި ތިބެގެންވެސް ޤުރްއާން އުނގެނުމުގެ މަގު ތަނަވަސްވެފައެވެ. ދެންފަހެ ތަފާތު އެކި ބާވަތްތަކުގެ މީހުން މިކަމާ ކުރިމަތިލިތަން އަހުރެންނަށް ފެނުނެވެ:

އެގޮތުން މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެޤުރްއާނަށް ކުރިމަތިލީ ހަމައެކަނި އެޤުރްއާނުގެ ޙަރްފުތަކާއި އަކުރުތަކާއި ފިލިތައް ޤާއިމްކޮށް އަދާކުރުމަށެވެ. އެގޮތުން އެބައިމީހުންގެ މުޅި ވިސްނުމަކަށްވީ އަކުރުތަކާއި ފިލިތައް މަޚްރަޖުން އަދާކޮށް، ރާގުރާގުތަކުގައި ޤުރްއާން ކިޔެވުމެވެ. އަދި އުނދަގުލާއި ތަކްލީފުން އެބައިމީހުން އަކުރުތައް ޤާއިމްކޮށް ބަނޑިބަނޑިލެއްވިއެވެ. އަދި އެކަމަށްޓަކައި ޤާރީ ކޯސްކޯހާއި، ޤިރާއަތު ކޯސްތަކުގެ ނަމުގައި އެކި ކޯސްތައް ހިންގެއެވެ. ދެން އެތަންތަނަށްވަދެ ނިންމި މީހުންގެ މަޤްޞަދަކަށްވީ، ސެޓްފިކެޓް ޙާޞިލުކޮށްގެން އެކަމުގައި މަޝްޣޫލުވާށެވެ.

އަދި އަނެއްބަޔަކު ޤުރްއާނުގެ ޢިލްމު އުނގެނުމަށް ކުރިމަތިލިއެވެ. އެބައިމީހުންގެ މަޤްޞަދަކަށްވީ ކާންބޯންކުރާ މަސައްކަތެއްގެ ގޮތުގައި ޤުރްއާން ބޭނުންކޮށްގެން ވަޒީފާއެއް ހޯދުމެވެ. އެގޮތުން ކޯސްކޯސް ހަދައިގެން، ތަފާތު ކުލާސްތަކާއި، ޕުރޮގްރާމްތައް ޖައްސައިގެން ޤުރްއާން ކިޔަވާދީގެން އާމްދަނީ ހޯދުމަށް އެމީހުން އުޅުނެއެވެ.

އަނެއްބަޔަކު ޤުރްއާން ހިތުދަސްކުރުމަށް ކުރިމަތިލިއެވެ. އޭގެ ތެރެއިން އެއްބަޔަކުގެ މަޤްޞަދަކަށްވީ: ޤުރްއާނުގެ ދެލިގަނޑާއި އަކުރުތައް ހިތުދަސްކޮށްލުމުން މުޖްތަމަޢުގެ ތެރޭގައި ޝަރަފާއި ޖާހެއް ލިބިގެންވާ މީހެއްކަމުގައިވުމަށެވެ. އެގޮތުން ޤުރްއާން ހިތުދަސްކޮށް ނިމޭއިރަށް އޭނާގެ ނަމުގެ ކުރިއަށް 'އަލްޙާފިޡު' ޖަހާފައިވާ އަމިއްލައަށް ޕޭޖްޕޭޖާއި، ގުރޫޕު ހުޅުވާ އެކަމުގައި އޭނާ އުޅެގަތެވެ. އަދި އަނެއްބަޔަކު ބޭނުންވީ ޤުރްއާން ދަސްކުރުމުން ލިބޭ ޢިނާޔަތްތަކާއި، ފައިސާތައް ހޯދުމެވެ.

އަދި ހަމަ އަނެއްބަޔަކު ޤުރްއާނަށް ޚިދުމަތްކުރުމުގެ ނަމުގައި ނިކުތެވެ. އެގޮތުން އެބައިމީހުން ޤުރްއާނަށް ޚިދުމަތްކުރުމަށް ތަފާތު ނަންނަމުގައި އަހަރަކު އެތައް ފަހަރަކު މުބާރާތްތައް ބާއްވާ، އެމުބާރާތްތަކުގެ މައްޗަށް އެތަކެއް ފައިސާއެއް ހޭދަކޮށް ބަހާހެދިއެވެ. އަދި މުބާރާތްތައްވެސް ތަރައްޤީވެ، އެންމެ ރީތިކޮށް ކިޔަވާ މީހާ، އެންމެ އަލިގަދަ ތަރިފަދަ ފާޑުފާޑުގެ ނަންނަމުގައި ޒާތްޒާތުގެ ކަންތައް ހިންގާލިއެވެ. އެބައިމީހުން ހިތުން ޤުރްއާނާއި ދީނަށް މިކޮށްދެވެނީ ވަރަށް ބޮޑު ޚިދުމަތެކެވެ. އަދި އަނެއްބަޔަކު މިމުބާރާތްތަކުގައި ބައިވެރިވުމަށް ކުރިމަތިލިއެވެ. އެގޮތުން ޤުރްއާނަށް ލޯބިޖެއްސުމަށްކަމަށް ބުނެ، ކުޑަކުއްޖާ އެންމެ ކުޑައިރުންފަށައިގެން ގޮސް ބޮޑުވެ ފުރާފުރިހަމަވަންދެން މިމުބާރާތްތަކުގައި ބައިވެރިވެ އެކަމުގައި އުޅެމުންދެއެވެ.

މިނޫނަސް އެތަކެއް މިފަދަ މީހުންތަކެކެވެ. ދެންފަހެ، މިމީހުން ފެނި، އަދި އުއްމަތުގެ އެންމެ ހެޔޮވެގެންވާ ޖީލުތަކުގެ އަހުލުވެރިންގެ ޙާލަތުހުރި ގޮތް ފެންނަ މީހަކަށް، މިދެބައިމީހުންވަނީ މުޅިން ދެވާދީއެއްގައިކަން ފާޅުވެގެންދާނެތެވެ. ދެންފަހެ އެތަކެއް ޢިލްމުވެރިންވަނީ މިކަމުގެ މުހިއްމުކަމަށްޓަކައި ޤުރްއާނުގެ އަހުލުވެރިންގެ އަދަބުތަކާއި ބެހޭގޮތުން ލިޔުއްވާފައެވެ. އެގޮތުން ހެޔޮވެގެންވާ ސަލަފުންގެ ފިޔަވަޅުތަކަށް ތަބަޢަވި ސުންނަތުގެ އިމާމެއްކަމުގައިވާ އަބޫބަކުރު އަލްއާޖުއްރީ رَحِمَهُ اللَّهُ، އުއްމަތަށް ނަޞޭޙަތްތެރިވުމުގެ ގޮތުން ޤުރްއާނުގެ އަހުލުވެރިންގެ އަޚްލާޤާއި، އަދަބުތަކާއި، އުޅުންތައް ހުންނަންޖެހޭނޭގޮތް ބަޔާންކުރައްވާ، އެތަކެއް އަޘަރުތަކެއް ގެންނަވާ ރިސާލާއެއް ލިޔުއްވިއެވެ. ޤުރްއާން އުނގެނި ދަސްކުރުމަށްޓަކައި ކުރިމަތިލާ ކޮންމެ މީހަކު ދެނެގަންނަންޖެހޭ އުޞޫލުތައް މިރިސާލާގައި ހިމެނިގެންވެއެވެ. އެގޮތުން މިފޮތުގައިވާ އަދަބު އަޚްލާޤުތަކަކީ ޢާއްމުކޮށް ހުރިހާ މުސްލިމުން، އަދި ޚާއްޞަކޮށް ޤުރްއާނާއި ޢިލްމުގެ އަހުލުވެރިން އެއަޚްލާޤުތަކުން އަދަބުވެރިވާންޖެހޭ އަޚްލާޤުތަކެވެ. އަދި ޢާލަމްތަކުގެ ވެރި ރައްބުގެ ކަލާމްފުޅު އުފުލުމަށްޓަކައި އޭނާގެ ނަފްސު ތައްޔާރުކުރާމީހާ ކޮންމެހެންވެސް ދެނެގަންނަންޖެހޭ ވާހަކަތަކެވެ. ދެންފަހެ، ޤުރްއާން އުނގެނި އުނގަންނައިދިނުމަށްޓަކައި އުޅޭ މީހުން ގިނަވެ ފެތުރިގެންދިޔަހިނދު، މިބާބުގައި މިފަދަ ޢިލްމުވެރިއެއްގެ ރިސާލާއެއް ފޯރުކޮށްދިނުމަށް ޤަޞްދުކުރީމެވެ.

އަހަރުމެން މިފޮތް ތަރްޖަމާކުރުމުގައި އަޞްލަކަށް ބަލާފައިވާނީ: ދާރުއް ލުއުލުއާއިން ނެރެފައިވާ: އަބޫ ޢަބްދި اللَّهُ ޢާދިލް އާލް ޙަމްދާނު ޖަމަޢަކޮށް ލިޔުއްވާފައިވާ: 'އަލްޖާމިޢު ލިކުތުބިލް އިމާމި އަބީބަކުރު އަލްއާޖުއްރީ' ފޮތުގައިވާ ރިސާލާއެވެ. އަދި ފޮތް ޖަމަޢަކުރި މުއައްލިފުގެ ތަޢުލީޤުތަކުން އަދި އަޘަރުތަކުގެ ޞައްޙަ ނުޞައްޙަ ކަނޑައެޅުމުގައި ފައިދާ ނެގިފައިވާނެއެވެ.


ތަހްގީގުކުރެވުނު ފޮތުގެ މުގައްދިމާ އަރަބިން - المقدمة

[قال المحقق:]

1. رَوَايَةُ أبِي الْحَسَنِ عَلِيِّ بْنِ أَحْمَدَ بْنِ عُمَرَ بْنِ حَفْصٍ الْمُقْرِئُ الْحَمَّامِيِّ عَنْهُ.

2. رَوَايَةُ أبِي بَكْرٍ أَحْمَدَ بْنِ عَلِيِّ الطُّرَيْثِيثِيِّ عَنْهُ.

3. رَوَايَةُ أبِي طَاهِرٍ أَحْمَدَ بْنِ مُحَمَّدِ بْنِ أَحْمَدَ بْنِ إِبْرَاهِيمَ السِّلَفِيِّ الأَصْبَهَانِيِّ عَنْهُ.

4. رَوَايَةُ أبِي الْفَضْلِ جَعْفَرِ بْنِ الشَّيْخِ أبِي الْحَسَنِ بْنِ أَبِي الْبَرَكَاتِ الْهَمْدَانِيِّ عَنْهُ.